ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް ޑރ.އަލީ ފަވާޒު ޝަރީފާއި ޑރ. ރަހީމާ އަބްދުއްރަހީމް މިއަދު އައްޔަންކޮށްފިއެވެ.

ޑރ. ފަވާޒް އައްޔަންކުރީ އެމްއެންޔޫގެ އެކަޑަމިކްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމަށެވެ. އަދި ޑރ. ރަހީމާ އައްޔަންކުރީ އެމްއެންޔޫގެ ރިސާޗް އެންޑް އެންޓަޕްރައިސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމަށެވެ.

އެމްއެންޔޫއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ޔުނިވާސިޓީއަށް އަލަށް ޑެޕިއުޓީ ޗާންސެލަރުންގެ ގޮތުގައި އައްޔަންކުރި ޑރ. ފަވާޒާއި ޑރ. ރަހީމާއަށް މަރުހަބާކިޔާފައެވެ.

މީގެ ކުރިން ވެސް ޑރ. ފަވާޒް އެ ޔުނިވާސިޓީގެ ޑެޕިއުޓީ ޗާންސެލަރުގެ މަގާމު ފުރުއްވާފައިވެއެވެ. އެއީ ޖުލައި 13، 2015އިން ފެށިގެން 2019 ވަނަ އަހަރުގެ އޮގަސްޓުގެ ނިޔަލަށެވެ.

ފަވާޒު މަގާމުން ވަކިކުރީ، ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް އޭރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފަހުންނެވެ. އެ އިސްލާހު ބުނާ ގޮތުން ޔުނިވާސިޓީގެ ޗާންސެލަރާއި ވައިސް ޗާންސެލަރު އައްޔަންކުރައްވާނީ ރައީސެވެ.

ފަވާޒު ދެން ހަވާލުވެވަޑައިގަތީ ސައިރިކްސް ކޮލެޖުގެ ރެކްޓާގެ މަގާމާއެވެ.

ޑރ. ރަހީމާ ވަނީ އެމްއެންޔޫގެ ޑީން އޮފް ރިސާޗްގެ އިތުރުން ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަންގެ ޑިރެކްޓަރެއްގެ މަގާމު އަދާކުރައްވައިފައެވެ.

މީގެ އިތުރުން ދަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ލެކްޗަރާއެއްގެ މަގާމާއި ހެޑް އޮފް ޑިޕާޓްމަންޓްގެ މަގާމުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ. ޑރ. ރަހީމާ ޕީއެޗްޑީ ހާސިލްކުރައްވާފައި ވަނީ ޕަބްލިކް ހެލްތުގެ ދާއިރާއިންނެވެ.