26 May 2012, 11:35
ށ. މިލަންދޫގައި ހުރި އަތޮޅު ކައުންސިލް އިދާރާގެ މުދާ ފުނަދުއަށް ބަދަލު ކޮށްފި އެވެ.
މިލަންދޫގައި ހުރި އެ އަތޮޅު އަތޮޅު ކައުންސިލްގެ މުދާ ކޯޓް އަމުރެއްގެ ދަށުން ފުނަދުއަށް ގެންދަން އިއްޔެ މަސައްކަތް ކުރުމުން މިލަންދޫ ބަޔަކު ހުރަސް އެޅުމާ ގުޅިގެން މަސައްކަތް ހުއްޓާލުމަށްފަހު ކައުންސިލާއި މަޝްވަރާކޮށް އަލުން މުދާ ފުނަދޫއަށް ބަދަލު ކުރީ މިއަދު އެވެ.
މުދާ ބަދަލު ކުރުމުގެ މަސައްކަތް އިއްޔެ ކުރި އިރު މަސައްކަތަށް ހުރަސް އަޅައިގެން ފަސް މީހަކު ހައްޔަރު ކުރި ނަމަވެސް އެ އެންމެން ވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިލަންދޫ ކައުންސިލާ ފުލުހުންނާއި މަޝްވަރާކުރުމަށްފަހު އެ ރަށުގައި އަތޮޅު ކައުންސިލްގެ ގޮތުގައި ބޭނުންކުރި އިމާރާތް ހުޅުވައި އެތަނުގައި ހުރި އަތޮޅު ކައުންސިލްގެ މުދާ މިއަދު ހެނދުނު ފުނަދުއަށް ބަދަލުކޮށްފައިވާ ކަމަށާއި މަސައްކަތް ކުރިއިރު އެއްވެސް ހަމަނުޖެހުމެއް ނެތް ކަމަށެވެ.
"މިލަންދޫ ކައުންސިލުން އެއްބާރުލުން ދިނުމާއި ގުޅިގެން އަތޮޅު ކައުންސިލުގެ މުދާ ފުނަދުއަށް މިއަދު ބަދަލުކޮށް ނިމިއްޖެ. އިއްޔެ މަސައްކަތަށް ހުރަސްއެޅުމުން ހައްޔަރު ކުރި މީހުން ވެސް ވަނީ ދޫކޮށްލާފައި،" އޮފިޝަލް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން ފެށިގެން ށ. އަތޮޅުގެ ވެރި ރަށަކީ ފުނަދޫ ކަމަށް ކަނޑައަޅާފައި ވަނިކޮށް، މިލަންދޫއަކީ އެ އަތޮޅު ވެރި ރަށުގެ ގޮތުގައި ނިންމައި އަތޮޅު ކައުންސިލްގެ އިދާރާ އެ ރަށަށް ބަދަލު ކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް އިންތިހާބުވުމާއެކު، ޑީއާރްޕީގެ މެޖޯރިޓީ އޮންނަ ށ. އަތޮޅު ކައުންސިލުން ވަނީ ވެރިރަށަކީ ފުނަދޫ ކަމަށް ކަނޑައަޅާ އެވެ.
ށ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުހީ ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެ ރަށަށް ވަޑައިގަތުމުން މިލަންދޫގައި ހުރި އަތޮޅު ކައުންސިލްގެ މުދާ ފުނަދުއަށް ބަދަލުކޮށްދިނުމަށް ދެންނެވި ކަމަށެވެ. އަދި އެކަން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލަށާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ވެސް އަންގާފައިވާނެ ކަމަށެވެ.