28 Dec 2023, 07:35
އިންޑިއާގެ ކަރުނާޓަކާގައި ކުރިއަށް ގެންދިޔަ ބައިނަލްއަގުވާމީ ފިލްމު ފެސްޓިވަލަށް ރާއްޖެއިން ހުށަހެޅި ފިލްމުތަކަށް ފަސް އެވޯޑެއް ލިބިއްޖެއެވެ.
އިންޑިއާ ކަރުނާޓަކާގައި ކޮންމެ އަހަރެއްގައި ބާއްވާ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގެ ތިނަވަނަ ފެސްޓިވަލް ވަނީ ދާދިފަހުން ނިންމާލާފައެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރުގައި ބާއްވާ މި ފެސްޓިވަލްގައި އެކި ދާއިރާތަކުން ފިލްމު ބައިވެރި ކުރެއެވެ.
މި ފެސްޓިވަލުގައި ރާއްޖެއިން ވަނީ ތިން ފިލްމެއް ބައިވެރި ކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ހިމެނެނީ 2021 ވަނަ އަހަރު މަހްދީ އަހްމަދުގެ ސްކްރީންޕްލޭއަށް އުފެއްދި "ރުގްޔާ" އެވެ.
ދެން ފެސްޓިވަލުގައި ހިމަނާފައިވަނީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ "ގޮށްރާޅު" އަދި ޔޫއްޕެ ޕްރޮޑަކްޝަންސްގެ "ހެހެސް" އެވެ. މިއީ މިދިޔަ އަހަރު ނެރުނު ދެ ފިލްމެވެ.
މި ފެސްޓިވަލްގައި އެންމެ ގިނަ އެވޯޑު ލިބިފައިވަނީ ހެހެސް އަށެވެ. ހެހެސްއަށް ތިން އެވޯޑު ލިބިފައިވާއިރު އެވޯޑު ލިބުނީ ޑަބާއި ސިނެމެޓޮގްރަފީގެ އިތުރުން ސަޕޯޓިން އެކްޓްރެސްގެ އެވޯޑެވެ. ސަޕޯޓިން އެކްޓްރެސްގެ އެވޯޑު ލިބިފައިވަނީ ވާޝިޔާ މުހައްމަދަށެވެ.
ލީޑް އެކްޓަރުގެ އެވޯޑު ގޮށްރާޅުން ޖުމައްޔިލް ނިމާލަށް ލިބުނުއިރު ރުގްޔާއަށް ވަނީ ސަޕޯޓިން އެކްޓަރުގެ އެވޯޑު ލިބިފައެވެ. އެ އެވޯޑު ލިބިފައިވަނީ އަހުމަދު ޝާރިފަށެވެ.
ކަރުނާޓަކާގެ ސަރުކާރުގެ އެހީއާ އެކު ކުރިއަށް ގެންދާ މި ފިލްމު ފެސްޓިވަލް އަކީ ސްޓޭޓްގެ ކަލްޗަރަލް ހެޑްކުއާޓާސް ކަމަށްވާ ދަރުވާދުގައި ކުރިއަށްގެންދާ ފެސްޓިވަލެކެވެ.
ނަވާ ކަރުނާޓަކާ ފިލްމު އެކެޑެމީއިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ މި ފެސްޓިވަލުގައި ސަރަހައްދުގެ އެކި ގައުމުތަކުން ފިލްމުތައް ވަނީ ހުށަހަޅާފައެވެ.