މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި އިހި ނަގަން އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ނަސްރު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށާއި މިހާތަނަށް 4،743 ސްކޮޔާ ނޯޓިކަލް މައިލްސް ބެލިއްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

އެންމެ 18 އަހަރުގެ ނައީޝް ގެއްލުނުތާ މާދަމާއަށް ހަފުތާއެއް ވާނެއެވެ.

އެ އޮޕަރޭޝަނާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ ނައީޝް ހޯދުމަށް މިހާތަނަށް ވައިގެ މަގުން 3602.46 ސްކޮޔާ ނޯޓިކަލް މޭލު، ކަނޑު މަގުން 1140 ސްކޮޔާ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 1.026 ސްކޮޔާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ.

އެއީ މުޅި ޖުމްލަ 4،743 ސްކޮޔާ ނޯޓިކަލް މޭލެވެ.

ނަމަވެސް މިހާތަނަށް ނައީޝްގެ އެއްވެސް އެއްޗެއް އަދި އެއްވެސް ނިޝާނެއް ވެސް ނުވާ ކަމަށް ސިފައިން ބުންޏެވެ.

ނައީޝް ހޯދުމުގެ މަސައްކަތަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ސަރަހައްދުގެ މޫސުން ގޯސްވުމެވެ.

އައްޑުއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މިރޭ ވެސް މެޓް އޮފީހުން އޮތީ ދެކުނަށް ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނައީޝް ގެއްލުނީ އިތުރު ދެ ރަހުމަތްތެރިންނާއެކު އިހި ހިފަން ގަން ދެކުނު ފަރާތަށް ގޮސް އުޅުމުގެ ތެރޭގައެވެ. އެ ހާދިސާ ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ އެރޭ 22:45 ހާއިރެވެ.

އާއިލާއިން ބުނީ، އޭނާ އަކީ މޫދަށް ގަދަ ކުއްޖެއް ކަމަށެވެ. އަދި އާންމުކޮށް މޫދަށް އެރި އުޅެނީ ދުވާލު ކަމަށާއި ބުރާސްފަތި ދުވަހުގެ ރޭ މޫދަށް ދިޔައީ ހުކުރު ދުވަހު އާއިލާއާ އެކު މާލެ އައުމަށް ހަމަޖެހިފައި އޮތުމުން ކަމަށެވެ.

މީގެ އިތުރުން އާއިލާއިން ބުނީ، މިވަގުތު ގްރޭޑް 12ގައި ތައުލީމް ހާސިލުކުރާ ނައީޝްއަކީ މަޑުމައިތިރި ބަސްއަހާ ކުއްޖެއް ކަމަށެވެ. އޭނާއަކީ އެ އާއިލާގައި ހުރި އެންމެ ބޮޑު ފިރިހެން ކުއްޖާއެވެ. ދެން ހުންނަނީ އަންހެން ކުއްޖެކެވެ.