އެމްޑީޕީގެ ވެރިކަން ވެއްޓިގެން ދިޔައީ ދައުލަތުގެ ބާރުތައް ވަކި އަންހެނެއްގެ މުށުތެރެއަށް ދިއުމުން ކަމަށް މަގާމުން ދުރުކޮށްފައިވާ އެ ޕާޓީގެ އިންތިހާބީ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ކަމުންނާއި ނައިބު ރައީސްކަމުން ދުރުކޮށްފައިވާ ޑރ. އިބްރާހިމް ދީދީ އާއި އަލްހާން ފަހުމީ ބުރާސްފަތި ދުވަހު ދި ޓީވީގައި ބޭއްވި ނޫސްކޮންފަރެއްސެއްގައި އަލްހާން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓިގެން ދިޔައީ މައްޗަން ގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދުދީގެ މަޝްވަރާގެ މަތިން ކަންކަން ކުރެއްވަމުގެ ނަތީޖާގެ ސަބަބުން ނަޝީދަށް "ގޯހަކަށް ފަހު ގޯހެއް" ތަކުރާރުކޮށް ހެއްދެވުމުގެ ސަބަބުން ކަމަށެވެ.

"އަބަދުވެސް މާރިޔާ ބުނާ ގޮތަށް ރައީސް ނަޝީދު ކަންކަން ކުރައްވަމުން ގެންދެވީ. އޭގެން ފެނުނު ނަތީޖާއަކީ ދައުލަތުގެ ވެރިކަން ނުސީދާ ގޮތެއްގައި ވަކި އަންހެނެއްގެ ބާރުގެދަށަށް ގޮއްސަ އޮތް މަންޒަރު،" އަލްހާން ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ވެއްޓުމުގައި މާރިޔާ ދީދީގެ ހިއްސާ ވަރަށް ބޮޑުކަމަށާއި ސަރުކާރު ހިންގުމުގައި ރައީސް ނަޝީދު ހުންނެވި އިރު ވެސް ރައީސް ނަޝީދު ޗާޓުން ބޭރުވެވަޑައިގެންނެވުމުގައި ގާނޫނީ ލަފާ އަރުވި ބޭފުޅަކީ މާރިޔާ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ އަކީ ކެނެރީގޭގައި ހިންގާ ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ ޝެއާހޯލްޑަރުންނަކީ މާރިޔާ އާއި ނަޝީދުގެ މުޝީރެއްގެ ގޮތުގައި މަސައްކަަތް ކުރެއްވި އިބުރާހިމް ހުސައިން ޒަކީ ކަމަށެވެ.

"ހުރިހާ ވެއްޓުމެއްގެ ޒިންމާ ނަގަން ޖެހޭ މާރިޔާ ދީދީ. އަނެއްކާ ވެސް އެ ކުންފުނީގެ ޝެއާ ނަންގަވައިގެން ކުރިއަށް ގެންދާ ގެންދިއުމަކީ ޕާޓީ އިތުރަށް ވެއްޓުމަށް ހުޅުވިގެންދާ ދޮރެއްކަމަށް ގަބޫލު ކުރެވޭ،" ޑީޑީ ވިދާޅުވި އެވެ.

އަލްހާނު ވިދާޅުވީ ބައެއް ކަހަލަ ބޮޑެތި ނިންމުންތައް ނިންމާއިރު މާރިޔާ ވިދާޅުވާ ގޮތަށް ކަންކަން ނިމިފައިވާ ކަމަށާއި ކްރިމިނަލް ކޯޓުގެ ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރީ ވެސް ބަންޑާރަނައިބުގެ އަބްދުﷲ މުއިއްޒުގެ ލަފަޔާ ހިލާފަށް މާރިޔާގެ ލަފާގެ މަތިން ކަމަށެވެ.

"އަބުދުﷲ ގާޒީގެ މައްސަލާގައި ދައުލަތުގެ ބަންޑާރަނައިބު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނޯންނާނެ. ބައެއް ކަހަލަ ބޮޑެތި ނިންމުންތައް ނިންމާއިރު މާރިޔާ ވިދާޅުވާ ގޮތަށް ނިންމަނީ." އަލްހާނު ވިދާޅު ވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ ލަފާ އެއްގޮތަކަށް ވެސް ރައީސް ނަޝީދު ގަބޫލު ނުކުރައްވާ ކަމަށާއި މާރީޔާ ވިދާޅުވާ ގޮތަށް ކަންކަން ކުރެއްވުމަށް ފަހު ވެރިކަން ވެއްޓުމުން އެކަމުގެ ޒިންމާ އެބޭފުޅުން ނަގަން ނުޖެހޭނެ ކަމަށް ރައީސް ނަޝީދަށް ދެންނެވި ކަމަށެވެ.

"އެވާހަކަ ދައްކަން ފެށިމަ ގޯސްވީ. އެކަން ކަމާ ގުޅޭ ގޮތުން ހިޔާލު ފާޅުކޮށް އެކަންކަމާ ދެކޮޅަށް ތެދުވަން ފެށީމާ ދެން އޮތް ހަމައެކަނި މަގަކަށް ވީ[އެމްޑީޕީން] އަޅުގަނޑުމެން ބޭރުކޮށްލުން. ރައީސް ނަޝީދުގެ ދިރާސާ އިން ދެއްކީ ޕާޓީ މިހާރު އޮތްގޮތަށް ބޭއްވޭނީ އަޅުގަނޑުމެން ދެ މީހުން މަގާމުން ދުރުކޮށްގެންކަން ފެންނާތީ ހަމައެއް ލަމައެއް އިނސާފެއް ނެތި އެކަން ކޮށްލީ،" އަލްހާނު ވިދާޅުވި އެވެ.

އަލްހާން ވިދަޅުވީ ރައީސް ނަޝީދާ ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެ ހުންނެވި ނަމަ އަދިވެސް އެމްޑީޕީގެ ތެރޭގައި އެބޭފުޅުން ނަށް ތިއްބެވޭނެ ކަމަށާއި ނަމަވެސް އެގޮތް ބޭނުން ނުވާތީ ޕާޓިއާއި ގައުމު ހަމަމަގަށް އެޅުވުމުގެ ބޭނުމުގައި ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ފެއްޓެވީ ކަމަށެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަލްހާން ވިދާޅުވީ އިންސާފުގެ ދަތުރާއި އިންސާނީ ހައްގަކީ ހަމައެކަނި ނަޝީދު ގަބޫލު ކުރައްވާ އިންސާފު ނޫން ކަމަށާއި އިންސާނީ ހައްގު ހޯދައިދޭން މަސައްކަތްކުރާ ފަރާތްތަކުން ކާޅު ކޮއްޓަށްލައިގެން މީހުންނަށް މަލާމަތްކޮށް ނުހަދާނެ ކަމަށާއި އެއީ އެމްޑީޕީން ގެނައި ޑިމޮކްރަސީގެ ފިކުރާ ހިލާފަށް ކުރައްވާ ކަންތައް ކަމަށެވެ.

"ކާކުތޯ އަޅަގުނަޑުމެން އެދޭނީ އެކަކު އަނެއްކަކަށް ފުރައްސާރާ ކުރަން. އެކަކު ކާޅަކަށްވެ އަނަކަކު ބަކައްޓަކަށްވެ ގޮސް ބަކައްޓެއް ކޮއްޓަކަށް ލައިގެން އިންނަން ޖެހި އަނެކަކު މަކުނެއް ކޮއްޓަށްލައިގެން އިންނަންޖެހި މިވެނި މީހަކީ މަކުނޭ ބުނުމަކީ މިރާއްޖޭގެ ރައްޔިތުން މިއަދު ބޭނުންވާނެ ކަމެއްނޫން،" އަލްހާން ވިދާޅުވި އެވެ.

އަލްހާނު ވިދާޅުވީ ރައީސް ނަޝީދު ފޭލްވެވަޑައިގެންނެވީ ވަރަށް ގިނަ ގޯސްތަކެއްް ހެއްދެވުމުގެ ނަތީޖާގެ ސަބަބުން ކަމަށާއި އެކަން ނަޝީދު ގަބޫލު ކުރައްވައި ސިޔާސީ މައިދާނުން އެކަހެރިވެ ވަޑައިގެންނަވަން ޖެހޭ ކަމަށެވެ.