އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި ލޮސް އެންޖަލިސް ކްލިޕާސް އަތުން ޗާލޮޓް ހޯނެޓްސް ބަލިވެއްޖެއެވެ.

ލޮސް އެންޖަލިސްގެ ކްރިޕްޓޯ ޑޮޓް ކޮމް އެރީނާގައި ކުޅުނު މި މެޗް ކްލިޕާސް ކާމިޔާބުކޮށްފައިވަނީ 113 ޕޮއިންޓް 104 ޕޮއިންޓުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ކްލިޕާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ އަށް އެސިސްޓް ދިން ޖޭމްސް ހާޑެންއެވެ. އަދި ހޯނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން މައިލްސް ބްރިޖެސްއެވެ.

މި މުބާރާތުގައި އޮކްލޮހީމާ ސިޓީ ތަންޑާ އާއި މިނެސޯޓާ ޓިމްބާވުލްވްސް ބައްދަލުކުރި މެޗް 129 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބު ކޮށްފައި ވަނީ ތަންޑާއެވެ. މި މެޗްގައި ތަންޑާގެ ޝެއި ގިލްޖިއޯސް އެލެގްޒެންޑާވަނީ 34 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ނުވަ އެސިސްޓް ކޮށްފައެވެ. އަދި ވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން އެންތަނީ އެޑްވާޑްސްއެވެ.

މީގެ އިތުރުން ނިއުއޯލިއަންސް ޕެލިކަންސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 115 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބުކޮށްފައިވަނީ ގްރިޒްލީސްއެވެ. އޯވާ ޓައިމަށް ގޮސްގެން ނިމުނު މި މެޗްގައި ގްރިޒްލީސްގެ ޖާ މޮރާންޓް ވަނީ 31 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ކޮށްފައެވެ. އަދި ޕެލިކަންސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ދިން ބްރެންޑަން އިންގްރާމްއެވެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު އޯލާންޑޯ މެޖިކް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރިމެޗް 127 ޕޮއިންޓް 119 ޕޮއިންޓުން މެޖިކް ކާމިޔާބު ކުރިއިރު ބްރޫކްލިން ނެޓްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗް 118 ޕޮއިންޓް 11 ޕޮއިންޓުން ކާމިޔާބު ކުރީ ނެޓްސްއެވެ. ޔުޓާ ޖޭޒް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗް 130 ޕޮއިންޓް 118 ޕޮއިންޓުން ޖޭޒް ކާމިޔާބު ކުރިއިރު އިންޑިއާނާ ޕޭސާސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރި މެޗް 123 ޕޮއިންޓް 117 ޕޮއިންޓުން ކާމިޔާބުކުރީ ޕޭސާސްއެވެ.

މީގެ އިތުރުން ޝިކާގޯ ބުލްސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރި މެޗް 118 ޕޮއިންޓް 113 ޕޮއިންޓުން ބުލްސް ކާމިޔާބު ކުރިއިރު ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 130 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔާބުކުރީ ޓްރެއިލް ބްލޭޒާސްއެވެ.