އެއްބަސްވުން ހަމަވެގެން، 40އަށް ވުރެ ގިނަ ރަށުން 904 މުވައްޒަފުން ދޫކޮށްލުމުން ފެނަކަ ކޯޕަރޭޝަނަށް 5.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ބަދަލުވުމާއެކު އައި އައު މެނޭޖްމަންޓާއެކު އެ ކުންފުނިން ވަނީ މި ފަހުން ކޮންޓްރެކްޓު އާނުކުރާން ނިންމައި 904 މުވައްޒަފުން ދޫކޮށްލައިފައެވެ. އެއީ އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށްނުދާ ނުވަތަ މަސައްކަތް އެއްކޮށް ނިމިފައިވާ މަޝްރޫއުތަކަށް ކޮންޓްރެކްޓު އުސޫލުން ނަގާފައިވާ މުވައްޒަފުން ކަމަށް އެ ކުންފުނިން މީގެ ކުރިން ބުންޏެވެ.

ފެނަކައިގެ ދަރަންޏާއި ޕްރޮޖެކްޓުތަކާ ބެހޭ ތަފްސީލު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވިދާޅުވީ، ފެނަކައިގެ މުވައްޒަފުން އިންތިހާއަށް ގިނަ ކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރު ނިމުނު އިރު ކުންފުނީގައި 2،700 މުވައްޒަފުން ތިބި ކަމަށާއި މިހާރު ކުންފުނީގައި 8،100 މުވައްޒަފުން އެބަ ތިބި ކަމަށް މުއާޒް ވިދާޅުވިއެވެ.

"އެންމެ ފަހު މަހު މަހުގެ މުސާރަ ދިނުމަށް ވެސް 79 މިލިއަން ރުފިޔާ ހޭދަކުރަން ޖެހުނު. މިއީ ގިނަ އަދަދެއްގެ ފައިސާ އިނގޭތޯ،" މުއާޒު ވިދާޅުވިއެވެ.

ކޮންޓްރެކްޓު އާ ނުކޮށްގެން މުވައްޒަފުންތަކެއް ދޫކޮށްލަން މަޖުބޫރުވި އެއް ސަބަބަކީ އެއީ ކަމުގައި މުއާޒު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްކަމަކީ އެ ޕްރޮޖެކްޓުތަކަކީ އެކަށީގެންވާ ގޮތަށް ހިންގަމުންދާ ޕްރޮޖެކްޓުތަކަކަށް ނުވުމެވެ. އަނެއްކަމަކީ ޕޭރޯލް ކުޑަކުރަން އެ ކުންފުންޏަށް މަޖުބޫރުވުމެވެ.

"ޕެރޯލް ކުޑަނުކޮށް އަޅުގަނޑުމެންނަށް މި ކުންފުނި ކުރިއަކަށް ނުގެންދެވޭނެ،" މުއާޒު ވިދާޅުވިއެވެ.

"ކޮންޓްރެކްޓް ހަމަވުމުން 904 މުވައްޒަފުން ދޫކޮށްލުމުން ވެސް ޕޭ ރޯލްއިން ހަމައެކަނި 5.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވޭ."

މުއާޒު ވިދާޅުވީ އެ ކުންފުންޏަކީ ރައްޔިތުންގެ ކުންފުންޏެއް ކަމަށާއި އެއްވެސް ހާލެއްގައި ފޮރުވާނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ބޭނުންވާ ކަންކަން ވެސް އެ ކޮމިޝަނަށް ފޯރުކޮށްދެމުން ދާނެ ކަމުގެ ޔަގީންކަން މުއާޒު ވަނީ އަރުވާފައެވެ.

ޚާއްސަގޮތެއްގައި ފެނަކައިގެ ކުރީގެ މެނޭޖްމަންޓުން ކޮށްފައިވާ ކަންތައްތައް ބެލުމަށްޓަކައު ޚާއްސަ އޮޑިޓެއް އެކުލަވާލަން ވަނީ މިހާރު އެ ކުންފުނިން އިއުލާނުކޮށްފައެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި ކުންފުނީގެ ދަރަނީގެ ލޯނުގެ ގޮތުގައި 871 މިލިއަނަށް ރުފިޔާ އެބައޮތެވެ. އަދި އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ އޮތް އިރު ޖުމްލަ 4.16 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި އެބައޮތެވެ.

ފެނަކައިން ވަނީ 3.2 ބިލިއަން ރުފިޔާގެ ދަރަނި ކަމަށް ބުނެފައެވެ.