28 Dec 2023, 09:44
އިންގްލިޝް ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗް ފޮރެސްޓްއިން ކާމިޔާބުކޮށްފިއެވެ.
ނިއުކާސްލްގެ ދަނޑުގައި ކުޅުނު މި މެޗް ފޮރެސްޓް އިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ތިން ލަނޑު އެއް ލަނޑުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލްއިންނެވެ. އަދި މި މެޗްގެ ފެށުންވެސް ރަނގަޅު ވެގެންދިޔައީ ނިއުކާސްލްގެއެވެ.
މިގޮތުން މެޗްގެ 23 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ނިއުކާސްލްއިން ވަނީ މި މެޗްގެ ލީޑުވެސް ނަގާފައެވެ. މި ޕެނަލްޓީ ނިއުކާސްލްއަށް ކާމިޔާބު ކޮށްދީފައިވަނީ އެލެގްޒެންޑާ އިސާކްއެވެ. މިލަނޑާއެކު މިމެޗް ނިއުކާސްލް އިން ކާމިޔާބު ކުރާނެކަމަށް ހީވި ނަމަވެސް މިމެޗްގައި އެޓީމަށް މާރަނގަޅު ހަމަލާތަކެއް އިތުރަށް އުފެއްދިފައެއް ނުވެއެވެ. އަދި ފޮރެސްޓްއިން މިމެޗްގައި އަބަދުވެސް ފެނިގެންދިޔައީ ރަނގަޅަށް ޑިފެންޑް ކޮށް ލިބޭ ފުރުސަތު ތަކުގައި ކައުންޓާ އެޓޭކް ކުރަމުންދިޔަ ތަނެވެ.
އަދި މިކައުންޓާ އެޓޭކްގައި ފޮރެސްޓް ނުރައްކާކޮށް ފެނުނުއިރު ނިއުކާސްލްގެ ޑިފެންސް ފެނިގެންދިޔައީ ހާސްކަމުގެ ތެރެއަށް ވެއްޓެމުންދިޔަ ތަނެވެ. މިގޮތުން ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އުފެއްދި ހަމަލާއެއްގައި މި މެޗްގެ ނަތީޖާ ފޮރެސްޓްއަށް ހަމަހަމަ ކޮށްދިނީ ކްރިސް ވުޑްއެވެ.
މި މެޗްގެ ދެވަނަ ހާފްގައިވެސް ބޮޑަށް ގޯލާ ރައްޓެހިކޮށް ފެނިގެންދިޔައީ ފޮރެސްޓްއެވެ. މިގޮތުން ކްރިސް ވުދް ވަނީ މެޗްގެ 53 ވަނަ މިނެޓްގައި މި މެޗްގެ ލީޑު ފޮރެސްޓަށް ނަގައިދީފައެވެ. އަދި މެޗްގެ 60 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑާއެކު ވުޑްވަނީ މިމެޗްގައި ހެޓްރިކްވެސް ފުރިހަމަކޮށްފައެވެ.
މިމެޗްގައި ނިއުކާސްލްއިން އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން އެ ޓީމަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިއީ ވޭތުވެދިޔަ ހަތް މެޗްގައި ފޮރެސްޓްއަށް މޮޅުވެނުނު ފުރަތަމަ މެޗެވެ.
މި ކާމިޔާބީއާއެކު ފޮރެސްޓް މިވަނީ ކުޅުނު 19 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއީ އެ ޓީމާ މީގެ ހަފްތާއެއް ދުވަސް ކުރިން ހަވާލުވި ނޫނޯ އެސްޕްރިޓޯ ސަންޓޯއަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ކާމިޔާބީއެކެވެ. ހަމައެއާއެކު މިއީ ރެލިގޭޝަނުން ސަލާމަތްވުމަށް ފޮރެސްޓް ކުރަމުންދާ މަސައްކަތަށްވެސް ލިބިގެންދިޔަ އިތުރު ހިތްވަރެކެވެ. މިމެޗުން ބަލިވުމުން ނިއުކާސްލްވަނީ 29 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައަށް ވެއްޓިފައެވެ.