27 Dec 2023, 18:03
އައްޑޫ ސިޓީ ހިތަދޫގައި ހުރި ގުދަނެއްގައި މިއަދު ރޯވެ, ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެއްޖެއެވެ.
އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ގުދަނަކީ މީގެ ކުރިން ފައިވާން ފެކްޓަރީއެއްގެ ގޮތުގައި ބޭނުންކުރި ތަނެއް ކަމަށެވެ.
ސިފައިން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ މެންދުރު 14:49ހާއިރު ކަމަށެވެ. އެގަޑީގައި ފަޔާމަނުން ގޮސް ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން ނިއްވާލެވުނީ 15:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި އަލިފާނުގެ ހޫނުގެ ސަބަބުން، ގުދަނުގެ ވަށައިގެން ހުރި ގެތަކުގެ ފާރުތަކަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތައް ލިބިފައިވާ ކަމަށް ސިފައިން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.