އިންގްލިޝް ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބާންލީ ބައްދަލުކުރި މެޗު ލިވަޕޫލް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މިމެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ ދެ ލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ.

އެ މެޗު ލިވަޕޫލުން ފެށީވެސް ވަރަށް ފޯރިއާއެކުއެވެ. އެގޮތުން މެޗުގެ ހަ ވަނަ މިނެޓްގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޑާވިން ނޫނޭޒްއެވެ. އެއާއެކު އޭނާ ވަނީ 12 މެޗުގައި ލަނޑެއް ނުޖެހި ކުރި ހުރުން ނިމުމަކަށް ގެނެސްފައެވެ.

އެ ހާފުގައި ލިވަޕޫލުންވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަނަވަސް ކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ދިޔައީ ނުހިފިއެވެ.

އެ މެޗުގައި ބާންލީއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ގިނައިރު ޑިފެންޑް ކުރުމަށްފަހު ލިބުނު ފުރުސަތުތަކުގައި ކުރިއަށް އަރާ ބާންލީއިންވެސް ވަނީ ލިވަޕޫލް ހާސް ކޮށްލާފައެވެ.

މިމެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމްގެ ފަރާތުން ފެނުނީ ފުރަތަމަ ހާފްއާ ވަރަށް އެއްގޮތް ކުޅުމެކެވެ. މިގޮތުން ލިވަޕޫލުން ބޮޑަށް ހަމަލާއަށް އިސްކަން ދިން އިރު ބާންލީއިން ދިޔައީ ވަރަށް ރަނގަޅަށް ޑިފެންޑްކޮށް ލިބޭ ފުރުސަތުތަކުގައި ކުރިއަށް އަރާ ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

އެ މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ދެ ވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑިއޮގޯ ޖޮޓާއެވެ.

އެ ކާމިޔާބީއާއެކު ލިވަޕޫލުން މިހާރުވަނީ ކުޅުނު 19 މެޗުން 42 ޕޮއިންޓް ހޯދައި ތާވަލްގެ އެއް ވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ލިވަޕޫލުން މިސީޒަންގައި ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއާއެކު މިސީޒަންގައި ލީޑު ކާމިޔާބު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ ޓީމްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެއް ޓީމަށް ލިވަޕޫލް މިވަނީ ވެފައެވެ. މިމެޗުން ބަލިވުމުން ބާންލީ އުޅެނީ 11 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.