މާލޭގައި ހަމަނުޖެހުން ހިންގާ، ސިފައިންނާއި ފުލުހުންނަށް ދޭ ހަމަލާތައް ރޭވުމުގައި އިސްކޮށް އުޅޭކަމަށް ތުހުމަތު ކުރާ ހ. ހެދޭތުނޑި، ޝިޔާން ޝަފީގް (ޝިޔަޅޭ) ގޭބަންދަށް ބަދަލުކޮށްފި އެވެ. އޭނާ ގެއަށް ބަދަލު ކުރީ ދެ މަހަށް ވުރެ ގިނަ ދުވަހު ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ފަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ ޝިޔަޅޭ 15 ދުވަހަށް ގޭ ބަންދަށް ބަދަލުކުރީ އޭނާގެ ބަންދަށް ކޯޓުން ޖަހައިދިން ބަންދުގެ މުއްދަތު ހަމަވުމުން ބުރާސްފަތި ދުވަހުގެ ރޭ ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ކަމަށެވެ.

"ކުރިން އޭނާއަށް ކޯޓުން ޖަހައިދިން މުއްދަތު ހަމަވުމުން ބުރާސްފަތި ދުވަހުގެ ރޭ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން އޭނާ 15 ދުވަހަށް ގޭބަންދަށް ބަދަލުކުރީ،" ހަނީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޝިޔަޅޭ ގެއަށް ބަދަލުކުރި ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުވާ މައްސަލައިގެ ތަހުގީގު ހިނގާ ކަމަށެވެ.

ޝިޔަޅޭ ހޯދަން ފޮޓޯއާއެކު އިއުލާންކޮށްފައި ވަނިކޮށް އޭނާ ބަންދުކޮށްފައި ވަނީ މާޗް 22 ވަނަ ދުވަހު އަމިއްލައަށް ހައްޔަރުވުމުންނެވެ.

ރިޔާސީ ބަޔާން އިއްވެވުމާ ދެކޮޅަށް އެމްޑީޕީން ކުރި މުޒާހަރާގައި ތޫނު ހަތިޔާރު ހިފައިގެން ނުކުމެ ފުލުހުންނާއި ސިފައިންނަށް ބިރުދެއްކި ކަމުގެ ތުހުމަތު ޝިޔަޅޭގެ މައްޗަށް ވަނީކޮށްފަ އެވެ. އޭނާ އަކީ މާރާމާރީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.