27 Dec 2023, 18:35
ކުންފުނިތައް ރެގިއުލޭޓުކުރުމަށް އުފައްދާ، ކުންފުންޏާ ބެހޭ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.
އެ ގާނޫނަކީ ރާއްޖޭގައި ކުންފުނި އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ހަމަތަކާއި، ކުންފުނިތަކާ ބެހޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރާ ގާނޫނެކެވެ.
އެ ގާނޫނުގައި، ވިޔަފާރި ޝަހުސެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި، އެކަމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖްރާޢަތުތައް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ކުންފުނި ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ކަންކަން ފަސޭހަ ގޮތެއްގައި ކުރެވޭނެ އިލްތިޒާމުތައް ކަނޑައެޅުމާއި، އިގުތިސާދުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ކުރާ އެކިއެކި މުއާމަލާތްތަކަށް ހާމަކަމާއި ޔަގީންކަން ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި، ކުންފުނިތަކުގެ ދަފުތަރު އެކުލަވާލުމާއި، ބެލެހެއްޓުމާއި، އާންމުކުރުމާބެހޭ އުސޫލުތައް އެ ގާނޫނުގައި ކަނޑައަޅާފައިވެއެވެ.
އެ ގާނޫނުގެ ދަށުން ޕްރައިވެޓް ކުންފުންޏާއި، ޕަބްލިކް ކުންފުންޏާއި، ސަރުކާރުގެ ކުންފުންޏާއި، ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އަދި ބޭރުގެ ކުންފުނި ރީ ރަޖިސްޓްރީ ކުރުން މި ގާނޫނުގެ ދަށުން ލާޒިމުކޮށް، ރީ ރަޖިސްޓްރީ ކުރާނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.
އެ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން ކުންފުނީގެ ގާނޫނު މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ.