27 Dec 2023, 13:31
ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް، ފުވައްމުލައް ސިޓީން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު އޮރެންޖު އެލާޓެއް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މިއަދު 1:20 އިން ފެށިގެން 3:20 އާ ޖެހެންދެން ފުވައްމުލައް ސިޓީން ފެށިގެން އައްޑޫ ސިޓިއާ ހަމައަށް އޮރެންޖު އެލާޓެއް ނެރެފައިވާ ކަމަށެވެ.
އޮރެންޖު އެލާޓަކީ މޫސުން ގޯސްވެ، ގުގުރުމާ އެކު ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް، ސަމާލުވާން ނެރޭ އެލާޓެކެވެ.
މިއީ ސްކޫލް ބަންދު ދުވަސްތައް ކަމުން ގިނަ ބަޔަކު އަންނަނީ އެކި ހިސާބުތަކަށް ދަތުރު ކުރަމުންނެވެ. އަދި، ކުރިއަށް އޮތް ހަފުތާ ބަންދު އޮތުމުން އެ ދުވަސްތަކުގައި ގިނަ ބަޔަކު ދަތުރުތައް ކުރާނެއެވެ.
މެޓް އޮފީހުން މިއަދު ބުނީ މިދިޔަ އާދިއްތަ ދުވަހު އިރުވައި މޫސުން ފެށުމާ ގުޅިގެން އުތުރާއި މެދުރާއްޖެ ތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވެފައިވާ ކަމަށެވެ. ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މިއަދު ހަވީރު 17:00އާ ހަމައަށް ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މެޓް އޮފީހުން ވަނީ ރީނދޫ އެލާޓެއް ވެސް ނެރެފައެވެ. އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރަކީ ސްކޫލުތަކުގެ ފުރަތަމަ ޓާމު ބަންދަށްފަހު މީހުން ރަށްރަށަށް ފުރާ ދުވަސްކޮޅުކަމުން ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި، ބުރިޖު ހައިވޭގައި ދަތުރުކުރާއިރު ސަވާލުވެތިބުމަށް ވެސް މެޓު އޮފީހުން ވަނީ އެދިފައެވެ.