27 Dec 2023, 13:37
ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމުގައި ދުއްވާ އުޅަދުނތައް ގިނަވުމުގެ މައްސަލަ ހައްލުކުރުމަށް، ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭ ދިރާސާއެއް އަންނަ މަހު ފަށަން ނިންމައިފިއެެވެ.
މި ފަދަ ދިރާސާއެއް ފަށަން ނިންމައިފައިވާއިރު މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން "ސަން"އަށް ވަނީ އެ ކަމަށް ޚާއްސަ ކޮޮމިޓީއެއް އެކުލަވައިލަން ނިންމައިފައިވާކަމަށް ވިދާޅުވެފައެެވެ.
އެއާއެކު އަންނަ މަހުގެ ތެރޭ މި ދިރާސާ ފަށަން، މިހާރު ޓްރާންސްޕޯޓް މިނިސްޓްރީ އާއި ކަމާ ގުޅުންހުރި ހިއްސާދާރުން ހިމެނޭހެން ޚާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި ދިރާސާ ކުރާނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ކަމާ ގުޅުންހުރި ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއިއެކު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މާލެއާއި ހުޅުމާލޭގައި ކާރޫބާރޫ ބޮޑުވެ، އެކްސިޑެންޓުތައް ހިނގުން މިހާރުވަނީ އާންމު ކަމަކަށްވެފައެވެ. އަދި މާލޭގެ ވެހިކަލް ލިމިޓް ކަނޑައެޅުމުގެ ވާހަކަ އެކި ސަރުކާރުތަކުން ދައްކައިފައިވީ ނަމަވެސް މިހާތަނަށް އެކަމުގައި އޮތީ އަމަލީ ސިފައެއް ނުޖެހިއެވެ.