ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކުރުމުން، އެ މުއްދަތުގައި ވެސް ވަޒީރުންނަށް ރުހުންނުދެވި މާދަމާގެ ނިޔަލަށް ދައުރު ހަމަވަނިކޮށް، ޖަލްސާއެއް މާދަމައަށް އެޖެންޑާކޮށްފިއެވެ.

ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ރުހުންދިނުމުގެ މަސައްކަތް ނުނިމޭތީ، މަޖިލީހުގެ ދައުރު ތިންވަނަ ފަހަރަށް ދަންމައިލީ އެންމެ ފަހުން މި މަހު 18 ގައި ބޭއްވި ޖަލްސާގައެވެ. އެ ދުވަހު، އޮތީ ކޮމިޓީން ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ނިންމައި ތަޅުމަށް އެޖެންޑާކޮށްފައެވެ. އެކަމަކު، ވުޒާރާތަކުގެ މެންޑޭޓު ފާސްނުކުރާތީ ކަމަށް ބުނެ، އެ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލާށެވެ.

އޭގެ ފަހުން މިއަދާ ހަމައަށް ވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވައިފައެއް ނުވެއެވެ. އަދި، ވަޒީރުންނަށް ރުހުންދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީ ވެސް ބޭއްވިފައެއް ނުވެއެވެ. އެހެންވެ، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އޮތީ ވަރަށް ބޮޑަށް ދިގުދެމިގެން ގޮސްފައެވެ.

ތިންވަނަ ފަހަރަށް މި ހިނގާ މަޖިލީހުގެ ތިންވަނަ ދައުރަށް އިތުރު ކުރި މުއްދަތު މާދަމައަށް ހަމަވާނެއެވެ. މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިއާއު މިއަދު "ސަން"އަށް ވިދާޅުވީ، މާދަމައަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފައިވާ ކަމަށެވެ. އެކަމަކު، ޖަލްސާގެ އެޖެންޑާ އާންމުކުރާނީ ތަންކޮޅެއް ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ވަޒީރުންނަށް ރުހުންނުދެވި ލަސްވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން --- ފޮޓޯ/ މަޖިލިސް

ކުރިން މި މަހު 18ގައި ވަޒީރުންނަށް ރުހުންދޭން ތަޅުމަށް އެޖެންޑާކުރި ނަމަވެސް، އެ ދުވަހު ކޮމިޓީން އެކުލަވައިލި ރިޕޯޓު އެއްކޮށް ފުރިހަމަނުވާތީއާއި ވުޒާރާތަކުގެ މެންޑޭޓު ފާސްކޮށްފައިނުވާތީ އަސްލަމް ނިންމެވީ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލާށެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހް އިއްޔެ ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކޮމިޓީގައި ކުރިއަށްނުދާ ކަމަށެވެ. އެއީ، ސްކޫލު ޗުއްޓީއާ މި ދުވަސްވަރު ދިމައިވުމުން ގިނަ މެންބަރުން މާލޭގައި ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، އޭނާ ވިދާޅުވީ ދެން ވަޒީރުންނަށް ރުހުންދިނުމާ ގުޅޭ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ ޗުއްޓީއަށް ފަހުގައި ކަމަށެވެ.

މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި ތިންވަނަ ދައުރު އަނެެއްކާ ވެސް ދަންމައިނުލައިފި ނަމަ، މަޖިލީސް ޗުއްޓީއަށް ދާނީ ވަޒީރުންނަށް ރުހުންނުދީއެވެ. ޗުއްޓީއަށް ފަހު ދެން މަޖިލީހުގެ ޖަލްސާތައް ފަށާނީ ފެބްރުއަރީ މަހުއެވެ.

ވަޒީރުންނަށް ރުހުން ނުދެވި، ދިގުދެމިގެންދާތީ ގިނަ ބަޔަކު އަންނަނީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެކަމަކު، އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ މިހާރު ވެސް ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުންނުދޭން ގޮވައިލަމުންނެވެ.

ސަރުކާރުގައި އަލަށް އުފެއްދި ހަތަރު ވުޒާރާއާ އެކު ޖުމުލަ 22 ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ މަހު 20 ގައެވެ. މަޖިލީހުގެ ކޮމިޓީން މީގެ ކުރިން ވަނީ ވަޒީރުންނަށް ރުހުންދޭއިރު ތަޅުމުގައި ވޯޓަށް އަހާނީ ކޮންމެ ވަޒީރަކަށް ވަކިވަކިން ކަމަށް ނިންމައިފައެވެ.

ވަޒިރުންނަށް ރުހުންދިނުމުގެ ކަންކަން ލަސްވާތީ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.