މަސްތުވާތަކެތި ކަމަށް ޝައްކުވާ 25 ރަބަރު ޕެކެޓާއެކު ހަތަރު މީހަކު މާލޭގެ ގެއަކުން ހައްޔަރުކޮށް އިތުރު މީހަކު ޏ. ފުވައްމުލަކުން ހައްޔަރުކޮށްފި އެވެ.

މާލެއިން ހަތަރު މީހުން ހައްޔަރު ކުރީ މއ. ސްނޯލައިޓުންނެވެ. އެގެއިން ފުލުހުން ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި ދެވަނަ ފުރުސަތުގައި މިނިވަން ކޮށްފައިވާ ދެމީހަކު ވެސް ހިމެނެ އެވެ. އެއީ ފ. މަގޫދޫ ވިނަމާގޭ، އަހުމަދު ރަޝާދު،47 އާއި ސ. ހުޅުދޫ ޗަނބޭލީވާދީ، މުހައްމަދު ޝާތިރު 38، އެވެ. ދެން ހައްޔަރު ކުރީ ސ. ފޭދޫ ކަނީރުމާގޭ، އަހުމަދު ފާއިޒް 28، އާއި ފުލުހުން ކޯޓް އަމުރެއްގެ ދަށުން ބަލާ ފާސްކުރި ސްނޯލައިޓް، މުހައްމަދު ރަޝާދު ހަސަން 53، އެވެ.

ފުލުހުން ސްނޯލައިޓަށް ވަދެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 11:00 އެހާކަންހާއިރު އެވެ.

ފުލުހުން ބުނީ އެ ގެއިން ހައްޔަރު ކުރި މީހުން ފާސް ކުރި އިރު މުހައްމަދު ރަޝާދު ހަސަންގެ އަނގައިގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުވާ އެއްޗެއް ހުރި 18 ސެލޯފިންކޮޅު ފެނުނު އިރު އޭނާގެ ޖީބުން ވެސް ޝައްކުވާ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނުނު ކަމަށެވެ. މީގެ އިތުރުން ޝާތިރުގެ ވޮލެޓުން ވެސް ޝައްކުވާ އެއްޗެއް ހުރި ސެލޯފިން ކޮޅެއް ފުލުހުން ހޯދި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އިތުރު މީހަކު ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލަކުންނެވެ. އެއީ ފުވައްމުލަކު، ފުނާޑު އަވަށު ސަބާ، މުހައްމަދު ނިޝާން 29، އެވެ. ފުލުހުން ބުނީ އެ ރޭ 9:45 އެހާކަންހާއިރު ފުވައްމުލަކަށް ދިޔަ ބޯޓަކުން ނިޝާން ފޮށިގަނޑެއް ހިފައިގެން ދަނިކޮށް ފުލުހުންނަށް ފެނުމާއެކު ފިލަން އުޅެނިކޮށް ހުއްޓުވައި ފޮށިގަނޑު ބެލިއިރު މަސްތުވާތަކެތި ކަމަށް ޝައްކުވާ 145 ރަބަރު ޕެކެޓް ހޯދާފައިވާ ކަމަށެވެ.