ސަރުކާރުގެ ކެބިނެޓް ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގެ ތެރެއިން ލަސްކުރަމުން އަންނާތީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވަނީ ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމަކީ ގަނޫނުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އެހެންކަމުން މިއަދާ ހަމައަށް އައިރު ވެސް އެ ކަމާމެދު އެއްވެސް ގޮތެއް ނުނިންމައި، އެ ކަން ލަސްކުރުމަކީ އެ ޕާޓީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްޑީއޭއިން ބުނީ، ވަޒީރުންނަކީ ދައުލަތް ހިންގުމުގެ އާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސަށް މަޝްވަރާ ދިނުމާއި، އެހީވެދިނުމާއި، ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ބޭފުޅުން ކަމަށެވެ.

އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުން ހާމަވީ ކަމަކީ ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެއްގެ ރައްޔިތުންގެ ތާއީދު ރައީސް ޑރ. މުޙައްމަދު މުއިއްޒަށާއި އެ މަނިކުފާނުގެ ޓީމަށް ދީފައިވާކަން ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެހެންކަމުން ރައްޔިތުންގެ ނިންމުމާ ދެކޮޅުވާހެން ދައުލަތުގެ އެއްވެސް ބާރަކުން މަސައްކަތްކޮށްގެން ނުވާނެކަމަށް އެ ޕާޓީން ދެކޭކަމަށް ވެސް ވަނީ ބުނެފައެވެ.

އެެހެންވެ، ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް އޮތް މަސައްކަތް މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން ނިންމަވައިދެއްވުމަށް މަޖިލިސް ރައީސް މުޙައްމަދު އަސްލަމަށް ދަންނަވައިފައިވާނެކަމަށް ވެސް އެ ޕާޓީންވަނީ ހާމަކޮށްފައެވެ.

މަޖިލީހުގައި އެމްޑީއޭ ތަމްސީލުކުރައްވަނީ އެ ޕާޓީގެ ރައީސް، ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދާއި، ދ. ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރެވެ.

އެމްޑީއޭގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާއިިރު، އެ މަސައްކަތް ކުރާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހުވަނީ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން މާލޭގައި ނެތުމުން، ކޮމިޓީގެ ކޯރަމް ހަމަނުވާތީ ސަރުކާރުގެ ވަޒީރުންނަށް ރުހުންދިނުމުގެ ކަންކަން ކޮށް ނިންމައިލެވޭނީ ޗުއްޓީއަށް ފަހުގައި ކަމަށް އިއްޔެ ވިދާޅުވެފައެވެ.

ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ޖުމުލަ 22 ވަޒީރުންނަށް ރުހުން ހޯދަން ސަރުކާރުން ފޮނުވި ނަމަވެސް އެ މައްސަލަ އޮތީ ކޮމިޓީގައި ހުއްޓިފައެވެ.

ތަޅުމަށް އެ މައްސަލަ އެޖެންޑާކުރި ދުވަހު އެމްޑީޕީގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ފޮނުވިއިރު މެންޑޭޓު ފާސްކޮށްފައިނުވާތީ ވޯޓަށް ނޭހޭނެ ކަމަށް ވިދާޅުވެފައެވެ.

އެހެންވެ އަނެއްކާ ވެސް އެ މައްސަލަ އޮތީ ކޮމިޓީގައެވެ.