28 Dec 2023, 15:53
އެޕަލްގެ އެންމެ ފަހުގެ ގަޑިތައް ކަމަށްވާ ސީރީޒް 9 އާއި އަލްޓްރާ 2 އެމެރިކާއަށް އެތެރެކޮށް ވިއްކުން އެގައުމުގެ ސަރުކާރުގެ އިދާރާއަކުން މަނާކުރުމުން އެ ކުންފުނިން އިސްތިއުނާފު ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބުވެއްޖެއެވެ.
އެޕަލްއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އެމެރިކާގެ އެޕަލް ސްޓޯރުތަކުގައި އެ ދެ މޮޑެލް ވިއްކަން ހުންނާނެ ކަމަށެވެ. އަދި މާދަމާއިން ފެށިގެން އޮންލައިންކޮށް އެ ދެ ގަޑި ލިބެން ހުންނާނެ ކަމަށެވެ.
އެޕަލްގެ ސްޕޯކްސްޕާސަން ނިކީ ރޮތުބާގް ވިދާޅުވީ އޮންލައިންކޮށް ވިއްކަން ފަށާނީ މާދަމާ މެންދުރު ފަހު ނިއުޔޯކް ގަޑިން 3:00އިން ފެށިގެން ކަމަށެވެ.
އެމެރިކާގެ އިންޓަނޭޝަނަލް ޓްރޭޑް ކޮމިޝަން (އައިޓީސީ)އިން އެ ދެ ގަޑި ވިއްކުން މަނާކުރީ، މެޑިކަލް ޑިވައިސް އުފައްދާ ކުންފުނި މަސިމޯގެ ޕެޓެންޓެއް ގަވައިދަށް ހިލާފަށް ބޭނުންކޮށްފައިވާ ކަމަށް ނިންމައިފައެވެ. އެއީ އެޕަލްގެ ފްލެގްޝިޕް ގަޑިތަކުގައި ހިމަނާފައިވާ ބްލަޑް އޮކްސިޖަން ސެޗުރޭޝަން ސެންސަރެއްގެ ސަބަބުން ފެންމަތިވި މައްސަލައެކެވެ.
އެޕަލްގެ ގަޑިވިއްކުން ވަގުތީ ގޮތުން ކުރިއަށް ގެންދިއުމުގެ ހުއްދަ ކޯޓުން ދީފައި މިވަނީ، އެ ކުންފުނީގެ ގަޑިތަކަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތައް ގެނެވެންދެން ގަޑިވިއްކުމުގެ ވަގުތީ އަމުރަކަށް އެޕަލްއިން އެދުމުންނެވެ.
އެޕަލްގެ ގަޑިތަކަށް އިތުރު ބަދަލުތަކެއް ގެނައުމަށް އަންގާފައިވާ އެންގުމަށް، އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަނުން އަދި ވަކިގޮތެއް ނުނިންމައެވެ. އެ އިދާރާއިން ވަކި ގޮތެއް ނިންމާނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ ފަހުން އިތުރަށް މިކަމުގައި އެޕަލްއިން ކުރިއަށް ދާނެގޮތެއް ކަނޑައެޅިގެންދާނެވެ. އެ އިދާރާއިން ނިންމާ ގޮތެއްގެ ސަބަބުން ދާއިމީގޮތެއްގައިވެސް އެޕަލްގެ ގަޑިތައް ވިއްކުން މަނާވެދާނެއެވެ.
ރޮތުބާގް ފޮނުއްވި އީމެއިލްގައި ވިދާޅުވެފައި ވަނީ އެޕަލްގެ ޓީމުތަކުން އެތައް އަހަރެއް ވަންދެން ދާއިރާގެ އެންމެ ކުރީ ސަފުގައި ކެނޑިނޭޅި މަސައްކަތްކޮށް، ސިއްހަތާއި ދުޅަހެޔޮކަމާއި ރައްކާތެރިކަމުގެ ފީޗާތައް ބޭނުންކުރާ ފަރާތްތަކަށް ބާރުވެރިކޮށްދޭ ޓެކްނޮލޮޖީ އުފެއްދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ބްލަޑް އޮކްސިޖަން ސެޗުރޭޝަން ސެންސަރު ނުހިމެނޭ، އަގުހެޔޮ އެޕަލް ވޮޗް އެސްއީ މިހާރު ވެސް އަންނަނީ ވިއްކަމުންނެވެ.