27 Dec 2023, 22:48
ޔަހޫދީ ޢިސްރާއިލުގެ ފައުޖުތަކާއި ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާއަތާ ދެމެދު ކުރަމުންދާ ހަނގުރާމަ އަދި އެތައް މަހެއްވަންދެން ކުރިއަށްދާނެ ކަމަށް ޢިސްރާއީލު އަސްކަރިއްޔާގެ ވެރިޔާ ހާޒީ ހަވޭލީ ވިދާޅުވެއްޖެއެވެ.
ހަނގުރާމަ ހުއްޓައިލުމަށް އެއްވެސް ހައްލެއް ނެތް ކަމަށާއި ހަނގުރާމަ އަދި ނިމެން ކައިރިވެސްނުވާ ކަމަށް ހާޒީ ވިދާޅުވިއެވެ. ހާޒީ އެގޮތަށް ވިދާޅުވެފައި ވަނީ ޣައްޒާ ހަނގުރާމަ ނިމެން އަދި ކައިރިވެސް ނުވާ ކަމަށް ޢިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވިދާޅުވެފައިވަނިކޮށެވެ.
ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިޔާއިން ފެށިގެން ދެކުނުގައި އޮންނަ ރަފަޙް ސިޓީއާ ދެމެދު އިއްޔެ އެކަނިވެސް 100އަށް ވުރެ ގިނަ ޙަމަލާ ޢިސްރާއީލުން ވަނީ ދީފައެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޢިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ޙަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 21،000 ފަލަސްޠީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޙަމަލާތަކުގެ ސަބަބުން 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ގާތްގަނޑަކަށް އެންމެންގެ ގެދޮރު ވަނީ ގެއްލިފައެވެ.
އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތްކުރާކަމަށް ޢިސްރާއީލުން ބުނި ނަމަވެސް، ޣައްޒާގައި ކޮންމެ ދުވަހަކުވެސް އަންނަނީ އާންމުން ޝަހީދުކުރަމުންނެވެ.
ހަނގުރާމައިގައި އާންމުންނަށް އަމާޒުކޮށް ޙަމަލާތައް ނުދިނުމަށް އެމެރިކާއިންވެސް ވަނީ ޢިސްރާއީލަށް ގޮވައިލައިފައެވެ. ނަމަވެސް އެމެރިކާއަކީ ޙަނގުރާމައިގައި ޢިސްރާއީލަށް މާލީ އަދި އަސްކަރީ ގޮތުންވެސް އެންމެ ބޮޑަށް އެހީވާ ޤައުމެވެ.
ހަނގުރާމަ ހުއްޓައިލާނެ ގޮތެއް އިސްރާއީލާއި ހަމާސް، އެމެރިކާ އަދި ވިލާތުގެ ގައުމުތަކަށް މިޞްރުން ވަނީ ހުށަހަޅައިފައެވެ. އެ ހުށަހެޅުމުގައިވާ ގޮތުން އިސްރާއީލުން ޣައްޒާ މުޅިން ދޫކޮށް، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ރަހީނުން ދޫކުރާނެއެވެ.
ނަމަވެސް ޢިސްރާއީލުން އަދިވެސް ދަނީ ހަނގުރާމަ ކުރިއަށްގެންދާނެ އިތުރު ގޮތްތައް ރާވަމުންނެވެ.