އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް، މި އަހަރު ވެސް ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ޖެޓުތަކުން ފުރިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއަދު ވެސް 30 ޖެޓު އެއާޕޯޓުގައި އެބައޮތެވެ. އަދި މާދަމާ އެ އަދަދު އިތުރަށް ގިނަވާނެކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އޭގެން ބައެއް ޖެޓުތައް، ހައިވޭއާ ކައިރި އޮތް އެޕްރަންގައި ޕާކުކޮށްފައި ވެސް އެބަހުއްޓެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ނ. އަތޮޅުގައި އޮންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ވެސް ޕްރައިވެޓް ޖައްސާ އެއާޕޯޓެކެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓު ޕާކުކޮށްފައި --- ފޮޓޯ: ގަން އިންޓަނޭޝަނަލް އެއާޕޯޓު

ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަން މިހާރު ފެށިފައިވާއިރު، ކޮންމެ އަހަރެއްގެ މި ދުވަސްވަރުގައި ވެސް އެއާޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ގިނަވެއެވެ. މިއީ އެއާޕޯޓު މެދުވެރިކޮށް ވަންނަ އާމްދަނީ އިތުރުވުމުގެ ވެސް އެއް ސަބަބެވެ.

ހަމައެއާއެކު ރާއްޖެއަށް ދަތުރުތައް ބާއްވާ ކޮމާޝަލް އެއާލައިންގެ ދަތުރުތައް ވެސް މި ދުވަސްވަރާ ދިމާކޮށް އިތުރުވެއެވެ. ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިން އިތުރުވާއިރު، މަޝްހޫރު ތަރިން ވެސް ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރާތްކުރެއެވެ.