ތ. ކަނޑޫދޫ އާއި ހިރިލަންދޫގައި ކާޅާއި ވާލުގެ އުނދަގޫ ބޮޑުވެގެން ސިފައިން އެ ދެ ރަށުގައި ބަޑިޖަހައިގެން ކާޅާއި ވާ މަރައިފި އެވެ.

ހިރިލަންދޫ ކައުންސިލްގެ ރައީސް އަލީ ފާއިޒު މިއަދު ވިދާޅުވީ ކާޅާއި ވާ މެރުމުގެ ޕްރޮގްރާމެއް އެ ރަށުގައި ސިފައިން އިއްޔެ ކުރިއަށް ގެންދިޔަ ކަމަށާއި ސިފައިން އެ ރަށުގައި ކާޅާއި ވާ މަރަން ބަޑިޖެހީ ރަށުގައި މަސްކައްކާ މީހުންނަށް ކާޅާއި ވާލުގެ އުނދަގޫ ބޮޑުވެގެން ކައުންސިލުން އެކަމަށް އެދިގެން ކަމަށެވެ.

"މަސްކައްކާ މީހުންނަށް ކާޅުގެ އުނދަގޫ ބޮޑުވެގެން އެކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭ، [ބަޑިޖަހައި މެރުމުން] މިހާރު ކާޅުތަކުގެ އުނދަގޫ ވަރަށް ކުޑަ، ކުރީގައިވާ ގޮތަކީ ކިތައްމެ ވަރަކަށް ފެއްސިއަސް ނުދާ ކަހަލަ ގޮތަކަށް މިރަށުގައި އޮތީ ކާޅާއި ވާ ގިނަވެފައި،" ފާއިޒު ވިދާޅުވި އެވެ.

ސިފައިން ހިރިލަންދުއަށް އަރާ ބަޑިޖަހައިގެން 100 އަށްވުރެ ގިނަ ކާޅާއި ވާ އިއްޔެ މެރި އެވެ. އަދި ބަޑިޖަހަން ފެށުމާއެކު ވަރަށް ގިނަ ކާޅާއި ވާ ވަނީ ހިރިލަންދޫގެ މާހައުލު ދޫކޮށް އުދުހި ގޮސްފަ އެވެ.

"އިއްޔެ ކާޅު މެރުމުން ވަރަށް ބޮޑުތަން ހައްލުވެއްޖެ. ވާ އަންނަނީ ރޭގަނޑު، ބަޑިޖަހާ އަޑަށް ކުޑަކުދިން ބިރުން ރޯތީ އެކަން އެހާ ރަނގަޅަށް ކުރެވޭ ގޮތް ވަނީ ނުވެފަ،" ފާއިޒު ވިދާޅުވި އެވެ.

ކާޅާއި ވާލުގެ އުނދަގޫ ބޮޑުވެގެން ކަނޑޫދޫގައި ވެސް ސިފައިން ވަނީ ބަޑިޖަހާފަ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ޔޫސުފް ނިޒާރު މިއަދު ވިދާޅުވީ ކަނޑޫދޫއަކީ ދަނޑުވެރިކަން ކުރާ ރަށަކަށްވުމުން ކާޅުގެ އުނދަގޫ ދަނޑުވެރިންނަށް ބޮޑުވެ އެކަމުގެ ޝަކުވާތައް ހުށަހަޅާފައިވާތީ ކައުންސިލުގެ އެދުމަށް ބުރާސްފަތި ދުވަހު ސިފައިން ރަށަށް އަރާ ބަޑި ޖަހައިގެން 17 ކާޅާއި 21 ވާ މަރާލި ކަމަށެވެ.

"ރޯދައަށް ކަރާ ހައްދަމުން އަންނައިރު ކަރާ ހައްދާ ފަރާތްތަކަށް ވެސް ވަނީ ކާޅުގެ އުނދަގޫ ބޮޑުވެފައި، މީގެ އިތުރުން ވާލުގެ އުނދަގޫ ވެސް އެހާ ބޮޑު،" ޔޫސުފް ވިދާޅުވި އެވެ.

އެމްއެންޑީފުން ބުނީ ކާޅާއި ވާ މެރުން ކުރިއަށް ގެންދަނީ އެސޮރުމެންގެ އުނދަގޫ ބޮޑުވާ ރަށްރަށުން އެދުމުން ކަމަށާއި މިއަދު ތ. ވޭމަންޑޫގައި ވެސް ކާޅު މަރަން ބަޑިޖަހާނެ ކަމަށެވެ.

ސިފައިން ވަނީ މިމަހުގެ ކުރީކޮޅު ހދ އާއި ހއ އާއި ށ އަދި ނ އަތޮޅުގެ ރަށްރަށުގައި ކާޅާއި ވާ މަރަން ބަޑިޖަހާފަ އެވެ.