މި ބަރަކާތްތެރި މައްސަރާ އަޅުގަނޑުމެން ކުރިމަތިލާއިރު، އަޅުގަނޑުމެންގެ ތެރޭގައި ހުރި    ބައިބައިވުންތަކާއި ދެބަސްވުންތައް އެއްކިބާކޮށް، އެންމެހާ ފަރުދުންނާއި މުޅި ޤައުމުގެ ލާބައަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.


ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ނަޝީ ވިދާޅުވެފައި ވަނީ ބަރަކާތްތެރި ރަމަޟާން މަހަކީ، މުސްލިމުންގެ ތެރޭގައި އަބަދުމެ އޮންނަންޖެހޭ އެއްބައިވަންތަކަމާއި، އެއްބަނޑުއެއްބަފާކަން އަދި ދޭދޭ ފަރާތްތަކުގެ ގުޅުންތައް ބަދަހިކޮށް، އާރޯކުރުމަށް ޒަމާނުއްސުރެ އަހަރަކު އެއްފަހަރު ލިބިދޭ ވަރަށް މަތިވެރި ފުރްޞަތެއް ކަމަށެވެ. ހަމަ އެއާއެކު، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ޢަދުލުވެރިކަމާއި ހަމަޖެހުން އިތުރަށް ވަރުގަދަ ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއްދެއްވާނެ ކަމެއް ކަމަށާއި އެމަގަށް މަސައްކަތް ކުރުމުގެ މަގު އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.


ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ފޮނުއްވައިފަ އެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންވެސް، މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން ގެންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.