ޑީސީގެ ސުޕަހީރޯ "އަކުއާމޭން"ގެ ދެވަނަ ފިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކަން ފަށާފައިވާއިރު އެކަށީގެންވާވަރުގެ ތަރުހީބެއް ނުލިބި ފްލޮޕަކާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.

މި އަހަރަކީ ސުޕަހީރޯ ފިލްމުތަކަށް އާންމުންގެ އެންމެ އެކަށީގެންވާ ތަރުހީބު އޮތް އަހަރެއް ނޫނެވެ. މާވެލް އާއި ޑީސީގެ ސުޕަހީރޯ ފިލްމުތައް އަޅުވަމުން ދިޔައިރު މި އަހަރު ގާތްގަނޑަކަށް ހުރިހާ ފިލްމުތައް ވެފައިވަނީ ފްލޮޕަކަށެވެ. ސުޕަހީރޯ ފިލްމުތަކުގެ އެއްގޮތްކަމުން އާންމުންގެ މެދުގައި ފިލްމުތަކަށް އޮތް ތަރުހީބު ގެއްލިއްޖެއެވެ.

މި އަހަރުގެ އެންމެ ފަހުގެ ސުޕަހީރޯ އެއް ފިލްމު ކަމަށްވާ އާކުއާމޭން ވަނީ ހަފުތާ ބަންދުގައި ދައްކަން ފަށައިފައެވެ. ނަމަވެސް ފިލްމަށް އެންމެ އެކަށީގެންވާ ތަރުހީބެއް ލިބޭ ގޮތެއް ނުވިއެވެ.

ހަފުތާ ބަންދު ނިމިގެން ދިޔައިރު މި ފިލްމަށް އެމެރިކާއިން ލިބިފައިވަނީ 40 މިލިއަން ޑޮލަރާ ގާތް ކުރާ އަަދަދެކެވެ. އަދި އެހެން ސަރަހައްދުތަކުން ފިލްމަށް ވަނީ 70 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދެއް ލިބިފައެވެ. މިއީ 2018 ވަނަ އަހަރުގައި ނެރުނު ފުރަތަމަ ފިލްމާ އަޅާ ބަލާއިރު ވަރަށް ކުޑަ އަދަދެކެވެ. އެގޮތުން މި ފިލްމަށް ފުރަތަމަ ހަފުތާ ބަންދުގައި އެމެރިކާއިން 68 މިލިއަން ޑޮލަރު ލިބުނު އިރު އެހެން ސަރަހައްދުތަކުން 105 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ވަނީ ލިބިފައެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ފިލްމު ބަލަން ގިނަ ބައެއް ނުދާނެ ކަމަށް ލަފާ ކުރެވޭތީ ފިލްމަށް މާ ބޮޑު ކާމިޔާބީ އެއް ލިބޭނެ ކަމަށް ނުބެލެވެއެވެ.

އާކުއާމޭންގެ ފުރަތަމަ ފިލްމަކީ ޑީސީގެ ސުޕަހީރޯ ފިލްމުތަކުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމެވެ. އެގޮތުން އެމެރިކާއިން އެ ފިލްމަށް 335 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އިރު އެހެން ސަރަހައްދުތަކުން ޖުމްލަ 1.15 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.

މި ފިލްމުގެ ރޯލުތަކުން ފެނިގެންދާނީ ޖޭސަން މަމޮއާ އާއި ވިލިއަމް ޑަފޯ ފަދަ އެކްޓަރުންނެވެ.