އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމަށް އަހުމަދު އިބްރާހިމް (ޕޮކްމަން) އައްޔަނުކޮށްފިއެވެ.

އަހުމަދު އިބްރާހީމަކީ ދިޔަރެސް ނޫހުގެ ކޯ ފައުންޑަރެއްގެ އިތުރުން އެ ނޫހުގެ މެނޭޖިން ޑިރެކްޓަރެވެ.

އޭނާ މީގެ ކުރިން މަސައްކަތް ކޮށްފައި ވަނީ ޝަރުއީ ދާއިރާގައެވެ. އޭނާ ވަނީ އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައެވެ.

މީގެ ކުރިން ހުޅުމާލޭ ކޯޓުގައި ކޯޓު އޮފިސަރެއްގެ މަގާމުގައި ހުއްޓައި 2021 ވަނަ އަހަރު އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

އޭރު އެ މަގާމުން އޭނާ ވަކިކޮށްފައިވަނީ ޝަރުއީ ދާއިރާގެ އުސޫލުތަކާއި ހަމަތަކާ ހިލާފުވުމުން ކަމަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފައިވެއެވެ.

އެ މައްސަލައިގައި އޭނާ ވަކިކުރި ކަމަށް ބުނެފައިވަނީ ސަރުކާރަށް ފާޑުކިޔައި ޓްވީޓު ކުރުމުގެ ސަބަބުންނެވެ.

ވެރިކަން ބަދަލުވުމަށް ފަހު ސަރުކާރުން އަންނަނީ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކަށް ބޭބޭފުޅުން އައްޔަނުކުރަމުންނެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އާބަންކޯގެ އެމްޑީއަކަށް، ފެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ ހަމަޖައްސައިފައެވެ.