ރަންބީރު ކަޕޫރު މައިދައިތަ ސޯނީ ރަޒްދާނަށް އެއް ލައްކަ ރުޕީސް ހަދިޔާއަކަށް ދީފިއެވެ.

މި ފައިސާ ހަދިޔާކޮށްފައިވަނީ އިންޑިއާގެ ޗައިލްޑް ވެލްފެއާ އަށެވެ. ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީގެ ނަމުގައި އެހާ ބޮޑު އަދަދެއްގެ ފައިސާ ޗައިލްޑް ވެލްފެއާއަށް ހަދިޔާ ކުރުމުން ސޯނީ ވަނީ ދަނބިދަރި ރަންބީރަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ރަންބީރު ކަޕޫރަކީ ސޯނީއާއި މަހޭޝް ބަޓް ވަރަށް ލޯބިވާ ހަމަ އެހެންމެ އެ އާއިލާގެ އެހެން މެންބަރުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ފަރާތެކެވެ. އާލިއާއާއި ރަންބީރުގެ ކައިވެނީގެ ކުރިން ވެސް ސޯނީގެ އާއިލާއިން ކަޕޫރު ޚާންދާނުގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮތްއިރު ކައިވެންޏަށް ފަހު ދެ އާއިލާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވި ކަމަށް ދާދި ފަހުން އާލިއާ ވަނީ ބުނެފައެވެ.

ކުރީގެ ފިލްމުތަކުން ފެނިފައިވާ ސޯނީއާއި ކުރީގެ ބަތަލާ ނީތޫ އަދި ރަންބީރުގެ މަންމައަކީ ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ. އާލިއާގެ ކައިވެންޏަށް ފަހު ނީތޫއާއި ސޯނީގެ އެކުވެރިކަން ވެސް އިތުރަށް ބަދަހިވެ އެކީގައި ޗުއްޓީ ހޭދަކުރަން ތަންތަނަށް ދިއުމަކީ ވެސް އާއްމުކަމެކެވެ.

އާލިއާ އަދި ރަންބީރު ދެ ތަރިންގެ މައިންނާ އެކު-- ފޮޓޯ/ ޒީ5

ދާދި ފަހުން ސޮނީ ޓީވީއިން ދެއްކި އިންޑިއަން އައިޑޮލްގެ އެޕިސޯޑެއްގައި ޕްރޮޑިއުސަރު/ޑައިރެކްޓަރު މަހޭޝް ބަޓް ރަންބީރަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފައިވެއެވެ.

މަހޭޝް ބަޓް އެހާ ހާމަކަން ބޮޑު ގޮތެއްގައި އާލިއާގެ ފިރިމީހާއަށް ތަޢުރީފު ކުރުމާ އެކު ވަރަށް ގިނަ ބަޔަކު ބުނެފައި ވަނީ ހަގީގަތުގައި ވެސް ރަންބީރަކީ އާލިއާއަށް އެންމެ އެކަށީގެންވާ ހަޔާތުގެ ބައިވެރިޔާ ކަމަށެވެ. އާލިއާއާއި ކައިވެނި ކުރުމަށްފަހު ރަންބީރުގެ ދިރިއުޅުމަށް ގިނަ ހެޔޮ ބަދަލުތަކެއް އައިކަމަށް ނީތޫ ސިންގް ބުނެފައިވާއިރު ރަންބީރަކީ ބައްޕަ ރިޝީ ކަޕޫރުގެ މިޒާޖުގައި ހުންނަ ހަރުކަށި ގޮތް ލިބިފައި ނެތް މީހެއް ކަމަށް ނީތޫ ވަނީ ބުނެފައެވެ.