26 Dec 2023, 22:59
މިއަހަރު ދެވަނަ ފަަހަރަށް ރަޝިއާ ފަހަތަށް ޖައްސާލައި އިންޑިއާ، އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުގެ މަގާމު ހޯދައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް އިންޑިއާއިން ވަނީ 205،278 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައެވެ. އެއީ 11.2 ޕަސެންޓު ފަތުރުވެރިންނެވެ.
އެއާއެކު މީގެ ކުރިން އެއްވަނައިގައި އޮތް ރަޝިޔާ މާކެޓު ވަނީ ފަހަތަށް ޖައްސާލައިފައެވެ. ރަޝިޔާއިން އައި 203،539 ފަތުރުވެރިންނާއެކު މާކެޓު ޝެއާ އޮތީ 11.1 ޕަސެންޓުގައެވެ.
މިއީ މިއަހަރު އިންޑިއާގެ މާކެޓު، ރަޝިޔާ މާކެޓަށް ވުރެ މައްޗަށް ގޮސްފައިވާ ދެވަނަ ފަހަރުއެވެ.
އެގޮތުން މިއަހަރުގެ ކުރީކޮޅު އޭޕްރީލް މަހު މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭރު އިންޑިއާއިން 17،577 މީހުން ރާއްޖެ އައިސްފައިވާއިރު، ރަޝިޔާއިން އައިސްފައިވަނީ 16،979 މީހުންނެވެ.
ނަމަވެސް އޭގެ ފަހުން ރަޝިޔާ އަނެއްކާވެސް ކުރީގައި އޮތުމަށް ފަހު ދެވަނަ ފަހަރަށް އިންޑިއާ މިވަނީ ކުރި ހޯދާފައެވެ.
ކުރީ ސަރުކާރުން މިއަހަރަށް އަމާޒުހިފާފައި ވަނީ 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އެ އަމާޒަށް ވާސިލުވުމަށް އަހަރުގައި ބާކީ ދެން އޮތީ ވަރަށް ކުޑަ ދުވަސްކޮޅެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި އަހަރުގެ މިހާތަނަށް 1،834،759 ޓޫރިސްޓުން ރާއްޖެ ވަނީ އައިސްފައެވެ. މިއީ މީގެ ކުރީ އަހަރުތަކާ ބަލާއިރު ރެކޯޑު އަދަދެކެވެ.