27 Dec 2023, 08:00
ފިލްމު "ދަ ވައިޓް ޓައިގާ"އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޒުވާން އެކްޓަރު އާދަޝް ގޯރަވް ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރުމަށް ޝައުގުވެރިވާ ކަމަށް ބުނެފިއެވެ.
އިއްޔެ ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމު "ކޯ ގަޔޭ ހަމް ކަހާން"ގެ އެކްޓަރު ބުނެފައިވަނީ ފިލްމީ ދާއިރާގައި އެކްޓުކުރުން މަތީ ދެމިހުރެވޭނީ ކިހާ ދުވަހަކަށް ކަމެއް ނޭނގޭ ކަމަށާއި ދެން ބޭނުން ވަނީ ފިލްމު އުފެއްދުމުގެ މަސައްކަތުގެ ތެރޭ އުޅެން ކަމުގައެވެ.
ފިލްމު "ވައިޓް ޓައިގާ"އަށް ފަހު އާދޭޝް ވަނީ ނެޓްފްލިކްސްއިން ގެނެސްދިން "ގަން އެންޑް ގުލާބްސް"ގައި ވެސް ވަރަށް މުހިއްމު ރޯލެއް ކުޅެފައެވެ. އެކްޓަރު ރާޖް ކުމާރު ހިރާނީ އަދި ސައުތު އެކްޓަރު ދަލްކީރު ސަލްމާން ލީޑު ރޯލުން ފެނުނު "ގަން އެންޑް ގުލާބްސް"ގައި އާދޭޝްގެ ހުށަހެޅުމަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.
ފިލްމު އުފެއްދުމުގެ މަސައްކަތުގެ ތެރެއަށް އާދޭޝް ނުކުންނަން ބޭނުންވި ނަމަވެސް އެ މަސައްކަތް ފަށާނީ ކޮން އިރަކުކަމެއް ނުބުނެއެވެ. އެހެންނަމަވެސް އޭނާއަކީ މިހާރު ވެސް ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތެއް ކަމަށާއި ކޮންމެ ވެސް ދުވަހަކުން ފިލްމެއް ޑައިރެކްޓުކޮށް ސިނަމާއަށް ހުށަހަޅައިދޭނެ ކަމަށް އާދޭޝް ވަނީ ބުނެފައެވެ.

އެކްޓަރު އާދަޝް ފިލްމު 'ވައިޓް ޓައިގާ'ގެ މަންޒަރެއްގައި-- ފޮޓޯ/ އިންޓަނެޓް
ފިލްމު "މައި ނޭމް އިޒް ޚާން"ގެ ޒުވާން ރިޒްވާން ޚާންގެ ރޯލްއިން ސިނަމާއަށް ނުކުތް އާދޭޝް އަކީ އަބަދު ވެސް ވާހަކަ ލިޔުމާއި ވާހަކަ ހުށަހެޅުމަށް ޝައުގު ހުންނަ މީހެކެވެ.
ފިލްމު "ކޯ ގަޔޭ ހަމް ކަހާން"ގައި އާދޭޝް ކުޅުނު ރޯލަށް ތައްޔާރުވުމަށް އާދޭޝް ވަރަށް ބުރަ މަސައްކަތްކުރި ކަމަށާއި ހަށިގަނޑަށް ބަދަލުތަކެއް ގެންނަން ޖެހުމުން ފިލްމީ ދާއިރާގައި އެކްޓުކުރުމުގެ މަސައްކަތުގައި ދެމިހުރުމާމެދު ސުވާލު އުފެދޭ ކަމަށް ޒުވާން އެކްޓަރު ވަނީ ބުނެފައެވެ.
އާދަޝް ދެން އެންމެ އަވަހަށް ފެންނާނީ "އޭލިއަން"ގެ ނަމުގައި އުފައްދާ ޓީވީ ސީރީސް އަކުންނެވެ. މި ސީރީސް އަކީ އެމެރިކާއަށް ނިސްބަތްވާ ފިލްމު ކުންފުންޏަކުން ގެނެސްދޭ ބިރުވެރި ހާދިސާތަކެއް ގެނެސްދޭ ސީރީސްއެކެވެ.