ޤާހިރާ (މޭ 24) : މިސްރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުގެ ބޮޑުބައެއް މިހާރު ގުނާފައިވާއިރު މިބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓާ ގާތްކުރާ މިންވަރަށްވެސް ވޯޓު ނުލިބޭނެކަން މިހާރު ކަށަވަރުވެއްޖެވެ.

މިސްރުގެ އިންތިޚާބުތަކާބެހޭ އެންމެމަތީ ކޮމިޓީ އާ ޙަވާލާދީ މުރާސިލުން ބުނާގޮތުގައި މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ ފަސް ކެންޑިޑޭޓެކެވެ. އެއީ އިޚްވާނުލް މުސްލިމީން ޖަމާއަތަށް ނިސްބަތްވާ ކެންޑިޑޭޓް މުޙައްމަދު މަރްސީ އާއި ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ސަޕޯޓަރުންގެ ތާއީދު ލިބިފައިވާ މުބާރަކްގެ ދުވަސްވަރުގެ ބޮޑުވަޒީރެއް ކަމަށްވާ ޖެނެރަލް އަޙްމަދު ޝަފީގާއި އިސްލާމީ ޚިޔާލުގެ އެހެން ކެންޑިޑޭޓެއް ކަމަށްވާ ޢަބްދުލްމުންޢިމް އަބުލްފުތޫޙް އާއި ޢަމްރު މުސާއާއި ހަމްދީން ސަބާޙީ އެވެ.

މިސްރުގެ ރިޔާސީ އިންތިޚާބުގެ މިބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓާ ގާތްކުރާ މިންވަރަށްވެސް ވޯޓު ނުލިބޭނެކަން ކަށަވަރުވެފައިވީ ނަމަވެސް ދެވަނަ ބުރުގައި އިސްލާމީ ޚިޔާލުގެ ޖަމާއަތްތަކާއި މުބާރަކްގެ ވެރިކަން ވައްޓާލުމަށް ހަރަކާތްތެރިވި އެންމެހާ ފަރާތްތައް އެއްގަލަކަށް އަރައިގެން އަޙްމަދު ޝަފީޤާ ދެކޮޅަށް ނުނުކުމެއްޖެނަމަ ދެވަނަ ބުރުގެ ވޯޓު އޭނާ ކާމިޔާބުކޮށްފާނެ ކަމުގެ ބިރުވަނީ ހީވެފައެވެ.

ޝަފީޤު އިންތިޚާބު ކާމިޔާބުކޮށްފިނަމަ އެއީ މުބާރަކްގެ ވެރިކަން އަލުން އަނބުރާ މިސްރަށް އައުންފަދަ ކަމެއް ކަމަށް އިސްލާމީ ޚިޔާލުގެ ޖަމާއަތްތަކާއި މުބާރަކްގެ ވެރިކަން ވައްޓާލުމަށް ހަރަކާތްތެރިވި އެންމެހާ ފަރާތްތައް ދެކެއެވެ. އެހެންކަމުން އަންނަ ޖޫންމަހުގެ 16 ވަނަ ދުވަހާއި 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ މަޝްވަރާތައް އިސްލާމީ ޚިޔާލުގެ ޖަމާއަތްތަކާއި މުބާރަކްގެ ވެރިކަން ވައްޓާލުމަށް ހަރަކާތްތެރިވި ފަރާތްތައް ތަމްސީލްކުރާ ކެންޑިޑޭޓުން މިހާރުވެސް ފައްޓަވާފައިވާ ކަމަށް ޤާހިރާއިން ލިބޭ ޚަބަރުތައް ބުނެއެވެ.

މިއީ މިސްރުގައި ޑިމޮކްރެޓިކް އުސޫލުންބާއްވާ މިނިވަން ފުރަތަމަ އިންތިޚާބެވެ. މި އިންތިޚާބުގައި މިސްރުގެ ރައީސްކަމަށް 13 ކެންޑިޑޭޓަކު ވާދަކުރައްވާ އިރު މިސްރުގެ ރައްޔިތުންގެ ތެރެއިން 50 މިލިޔަން މީހުންނަށް މިއިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވެ އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ މިއިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ބޮޑު ޕަސެންޓެއް ވޯޓުލާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

ދެވަނަ ބުރަށްދާނީ ފުރަތަމަ ބުރުގައި އެންމެ ގިނަވޯޓު ލިބުނު ދެކެންޑިޑޭޓުން ކަމަށްވާތީ ދެވަނަ ބުރުގައި ވާދަކުރައްވާނެ ކަމަށް ބެލެވިފައިވަނީ އިޚްވާނުލްމުސްލިމީން ޖަމާއަތަށް ނިސްބަތްވާ އިސްލާމީ ޚިޠާލުގެ ކެންޑިޑޭޓް މުޙައްމަދު މަރްސީ އާއި ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ސަޕޯޓަރުންގެ ތާއީދު ލިބިފައިވާ އަދި މުބާރަކްގެ ދުވަސްވަރުގެ ބޮޑުވަޒީރުކަން ކުރެއްވި ކުރީގެ ޖެނެރަލް އެއްކަމަށްވާ ކަމަށްވާ އަޙްމަދު ޝަފީޤެވެ.

ޝަފީޤު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިޔަނުދިނުމަށްޓަކައި އިސްލާމީ ފިކުރުގެ ޖަމާއަތްތަކާއި މުބާރަކްގެ ޚުދުމުޚްތާރު ވެރިކަމާ އިދިކޮޅު ޢިލްމާނީ އަދި ލެބްރަލް ޚިޔާލުގެ ޖަމާއަތްތަކާއި ޕާޓީތައްވެސް ގުޅިގެން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް މުރާސިލުން ބުނެއެވެ. -- އަލްޖަޒީރާ