މި މަހު ކުރީކޮޅު ރިލީޒްކުރި ފިލްމު "ދަ އާޗީސް"ގެ ވެރޮނިކާގެ ރޯލުން ފެނުނު ބަތަލާ ޚުޝީ ކަޕޫރު ކުޑައިރުއްސުރެ ވެސް ބޭނުންވީ ފިލްމީ ދާއިރާއިން ކުރިއަށްދާން ކަމަށް ބުނެފިއެވެ.

ޚުޝީއަކީ ވަރަށް ތުއްތު އިރުއްސުރެ ފެށިގެން ވެސް ފިލްމު ސެޓުތަކުގައި މަންމަ ސްރީ ދޭވީއާ އެކު ގިނަ ވަގުތުތައް ހޭދަކުރި ކުއްޖެކެވެ. ހަމައެއާ އެކު ޚުޝީގެ ބައްޕައަކީ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ޕްރޮޑިއުސަރަށް ވުމުން ފިލްމު ސެޓުތަކާއި އިންޑަސްޓްރީގެ ގިނަ ކަންކަމަކީ ޚުޝީއަށް އާ ކަންތައްތަކެއް ނޫނެވެ. އަދި، އިންޑިއާގެ ޕަޕަރާޒީންގެ ދުނިޔެއަކީ ވެސް ޚުޝީއަކަށް އާ ދުނިޔެއެއް ނޫން ކަމަށް 23 އަހަރުގެ ޒުވާން ބަތަލާ ވަނީ ބުނެފައެވެ.

ޚުޝީގެ ހަނދާނުން ފޮހެލަން ދަތި ފިލްމު ސެޓަކީ ކުރީގެ ބަތަލާ ސްރީ ދޭވީ އެނބުރި ފިލްމީ ދާއިރާއަށް ނުކުތް "އިންގްލިޝް ވިންގްލިޝް"ގެ ސެޓު ކަމަށް ހިންދުންސްތާން ޓައިމްސްއަށް ދިން އިންޓަވިއުގައި ބަތަލާ ބުނެފައިވެއެވެ. އޭރު ޚުޝީގެ ޢުމުރުން އެންމެ 12 އަހަރު ކަމަށާއި އެމެރިކާގެ ނިއު ޔޯކްގެ ޝެޑިއުލް ނިމެންދެން ޚުޝީ އުޅުނީ މަންމަ ސްރީ ދޭވީއާ އެކު ކަމަށް ވަނީ ބުނެފައެވެ.

ފިލްމު "ދަ އާޗީސް"ގެ ރޯލް ޚުޝީއަށް ލިބުނުއިރު ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ތަޖުރިބާތައް ނުރަސްމީ ސިފައެއްގައި ނަމަވެސް ކުރެވިފައިވާ ކަމަށާއި ނަމަވެސް ބައެއް ފަހަރު ހިތް ނުތަނަސްވާ ދަނޑިވަޅުތައް ވެސް އައިކަމަށް ޚުޝީ ވަނީ މި އިންޓަވިއުގައި ބުނެފައެވެ. އެފަދަ ވަގުތު ތަކުގައި މަންމަ ސްރީދޭވީގެ ހަނދާންތައް އާ ކުރުވި ނަމަވެސް ދައްތަ ޖާންވީ ކަޕޫރުގެ އެހީތެރިކަމާ އެކު ފިލްމުގެ މަސައްކަތް ނިންމައިލެވުނީ ވަރަށް ހަމަޖެހިގެން ކަމަށް ޚުޝީ ވަނީ ބުނެފައެވެ.

ޚުޝީ މަންމަ ސްރީދޭވީ އާއެކު-- ފޮޓޯ/ އިންޓަނެޓް

ބެލުންތެރިންގެ ފަރާތުން ފިލްމު "ދަ އާޗީސް"އަށް ލިބުނު ލޯބީގެ ސަބަބުން ފިލްމީ ދާއިރާއިން ކުރިއަށް ދާން އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށް އެކްޓަރު އަރުޖުން ކަޕޫރުގެ އެއްބަފާ ކޮއްކޮ ވަނީ ބުނެފައެވެ. އާއްމުންގެ ފަރާތުން ގިނަ އަދަދެއްގެ މެސެޖުތަކާ އެކު ތައުރީފުގެ ބަސްތައް ލިބުމުން ފިލްމުގައި ދެއްކުނު ހުށަހެޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ޚުޝީ ވަނީ ބުނެފައެވެ.

ފިލްމު "ދަ އާޗީސް"އަށް ފަހު ޚުޝީ ވަނީ ދަރުމާ ކުންފުނިން ގެނެސްދޭ އިތުރު ފިލްމަކަށް ސޮއިކޮށްފައެވެ. މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުން ފިލްމުގައި ޚުޝީއާ އެކު ފެންނާނީ އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާންއެވެ.