26 May 2012, 09:17
ވޮޝިންޓަން (މޭ 26): އަލްޤާޢިދާގެ ލީޑަރު އުސާމާ ބިންލާދިން ހޯދުމަށް އެމެރިކާ ކުރި މަސައްކަތުގައި އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ) އަށް އެހީތެރިވި ޕާކިސްތާން ޑޮކްޓަރަކު 33 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރުމުން އެމެރިކާ އެކަން ކުށްވެރިކޮށްފި އެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނާ ވިކްޓޯރިޔާ ނޮލެންޑް ވިދާޅުވީ ބިންލާދިން ހޯދުމަށް އެމެރިކާ ކުރި މަސައްކަތަށް އެހީތެރިވިކަމުގެ ތުހުމަތުގައި ޕާކިސްތާން ޑޮކްޓަރު ޝަކީލް އެފްރިދީ ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް އޮންނާނެ ކަމަށް އެމެރިކާ ގަބޫލު ނުކުރާ ކަމަށެވެ.
ޕާކިސްތާން މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޝަކީލް 33 އަހަރަށް ޖަލަށް ލުމަށް ޕާކިސްތާނުގެ ކޯޓަކުން ޙުކުމްކުރީ ބޭރު ޤައުމަކުން ޕާކިސްތާނުގެ ބިމުގައި ހުއްދަނެތި ސިއްރިޔާތުގައި ހިންގަމުން ގެންދިޔަ ޖާސޫސީ ޙަރަކާތްތަކަކަށް އެހީތެރިވިކަމުގެ ކުށް ސާބިތުވެގެންނެވެ.
ޖަލަށްލުމަށް ޙުކުމް ކުރުމުގެ އިތުރުން 320،000 ޕާކިސްތާން ރުފިޔާ އިން ޝަކީލް ޖޫރިމަނާ ކުރުމަށް ވެސް ޕާކިސްތާނުގެ ކޯޓުން ޙުކުމްކުރި އެވެ. އެއީ އެމެރިކާ ފަދަ ބޭރު ގައުމަކުން ޕާކިސްތާނުގެ ބިމުގައި ހިންގާ ޖާސޫސީ ހަރަކާތްތަކަށް އެހީތެރިވުމަކީ ޤައުމަށް ޚިޔާނާތްތެރިވުން ކަމަށް ވާތީ އެވެ.
އެމެރިކާ ބުނާ ގޮތުން އުސާމާ ބިންލާދިން އަވަހާރަވީ ޕާކިސްތާނުގެ އަބޫތް އާބާދުގައި ފިއްލަވައިގެން އުޅުއްވަނިކޮށް އޭނާ ދިރިއުޅުއްވާ ތަނާއި ގެ ސިއްރިޔާތުގައި ހޯދުމަށް ފަހު 2011 ވަނަ އަހަރުގެ މޭ މަހު އެއް ވަނަ ދުވަހު އެގެއަށް ކުއްލި ޙަމަލާތަކެއް ދީގެންނެވެ. ބިންލާދިން އަވަހާރަވިކަން އަލްޤާއިދާ އިން ވެސް ކަށަވަރުކޮށްދިން ނަމަވެސް މިއީ މިގޮތަށް ހިނގައިދިޔަ ކަމެއް ކަމަށް އެޖަމާއަތުން ބުނެފައެއް ނުވެ އެވެ.
އެމެރިކާ ބުނެފައިވާ ގޮތަށް މި އޮޕަރޭޝަން ހިނގިކަން ސާބިތުކޮށްދިނުމުގެ އެއްވެސް ހެއްކެތް ދެއްކުމަށް އެމެރިކާ ނުކުޅެދިފައިވާ އިރު ބިންލާދިންގެ މަރުވެފައިވާ ހަށިކޮޅު ވެސް އަދި ހަށިކޮޅުގެ ފޮޓޯއެއް ވެސް އެކި ބަހަނާތައް ދެއްކުމަށް ފަހު އެމެރިކާ ހާމަކޮށްފައެއް ނުވެ އެވެ. އަބޫތު އާބާދުގައި އެމެރިކާ ބުނާ ފަދަ ޢަސްކަރީ އޮޕަރޭޝަނެއް އެދުވަހު ހިންގިކަން އެއަވަށުގެ ރައްޔިތުންނަށް އެނގިފައިނުވާ ކަމަށް އެމީހުންނާ ޙަވާލާދީ އެދުވަސްވަރުގެ މީޑިޔާ ރިޕޯޓްތައް ބުނެފައިވެ އެވެ.
އުސާމާ ބިންލާދިން 2011 އިގެ ކުރިން އަވަހާރަވެފައިވާ ކަމަށް ޕާކިސްތާނުގެ ޖާސޫސީ އިދާއިންނާއި ހުޅަނގުގެ ޖާސޫސީ ބައެއް ރިޕޯޓްތަކުން ކުރިން ހާމަވެފައިވާއިރު އުސާމާ އަވަހާރަކޮށްލިކަމަށްބުނެ އެމެރިކާ ފެތުރި ޚަބަރަކީ އަފްޣާނިސްތާނުން ފޭބުމަށް މަގުފަހިކުރުމުގެ ގޮތުން އެމެރިކާ ކުރިކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
އެމެރިކާގެ ސެނެޓްގައި ހިމެނޭ ހަރުކަށި ޚިޔާލުގެ މެންބަރެއް ކަމަށްވާ ޖޯން މެކޭން ވަނީ ބިންލާދިން ހޯދުމަށް އެމެރިކާކުރި ޖާސޫސީ މަސައްކަތްތަކަށް އެހީތެރިވިކަމުގެ ތުހުމަތުގައި ޕާކިސްތާން ޑޮކްޓަރު ޝަކީލް އެފްރިދީ ޖަލަށްލުމަކީ އިންސާނިއްޔަތާ ޚިލާފު ޢަމަލެއް ކަމަށް ސިފަކުރައްވައި ޝަކީލް އަކީ ބަތަލެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ޕާކިސްތާނުގެ ކޯޓުތަކާއި ޝަރްޢީ ދާއިރާއަށް އިތުބާރު ނުކުރައްވާ ފަދަ ރާގެއްގައި ޝަކީލް މިނިވަންކުރުމަށްވެސް މެކޭން ޕާކިސްތާން ސަރުކާރަށް ގޮވާލެއްވިއެވެ. -- ނޫސްއެޖެންސީތައް