މަދިރި މެރުމަށް ހުޅުމާލޭގައި ފޮގް ކުރުމުގެ މަސައްކަތް މިއަދު ފަށާތީ ޒަރޫރީ ބޭނުމަށް ނޫނީ ބައެއް ގަޑިތަކުގައި ބޭރުގައި ނޫޅުމަށް އާބަންކޯއިން އިލްތިމާސްކޮށްފިއެވެ.

އާބަންކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް އެ ކުންފުނިން އިސްނަގައިގެން ކުރިއަށްގެންދާ 'ފައިލޭރިއާއިން ރައްކާ' ކެމްޕެއިންގެ ދަށުން ހުޅުމާލެ 20 ޒޯނަކަށް ބަހައިގެން ފޮގް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

އާބަންކޯއިން ބުނީ އެކި ސަރަހައްދުތައް ފޮގް ކުރާނީ ހެނދުނު 5:00އާއި 6:00އާ ދެމުދުގައިއާއި ހަވިރު 6:00އާއި 7:00އާ ދޭތެރޭގައި ކަމަށެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް ފުރަތަމަ ފެނުނީ ކުޅުދުއްފުށި ސިޓީން މި މަހުގެ 14 ވަނަ ދުވަހެވެ. އެ ސިޓީން މިހާތަނަށް އެ ބަލި ޖެހިފައިވާ 25 މީހަކު ފެނިފައިވާ އިރު މާލެ ސަރަހައްދުން ވަނީ ބަލި ޖެހިފައިވާ ހަތް މީހަކު ފެނިފައެވެ. އޭގެ ތެރޭގައި ހުޅުމާލެއިން ޕޮޒިޓިވްވި ފަސް މީހަކު ހިމެނެއެވެ.

އެހެންވެ، މިހާރު ފައިލޭރިއާ ޖެހިފައިވާ 32 ބިދޭސީން ރާއްޖޭގައި އެބަތިއްބެވެ. އެއްވެސް ދިވެއްސެއްގެ ފަރާތުން މިހާތަނަށް ބަލި ފެނިފައިނުވާއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ބަލި ޖެހިފައިވާ މީހުންނަށް ބޭސް ދިނުމާއި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ބުނެފައެވެ.

ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން އެތެރެވާއިރު މެޑިކަލް ޗެޕަކް ހެއްދުމުގެ އުސޫލަށް ކޮވިޑްގެ ފަހުން ލުއިތަކެއް ދީފައިވީ ނަމަވެސް ހެލްތު މިނިސްޓްރީން މިހާރު ވަނީ މެޑިކަލް ޗެކަޕް ހެދުން އަނެއްކާވެސް ލާޒިމުކުރަން ނިންމައިފައެވެ. އަދި ރާއްޖެ އައުމަށް ފަހު މެޑިކަލް ޗެކަޕް ހެދުމަށް ދީފައިވާ 30 ދުވަހުގެ މުއްދަތު 15 ދުވަހަށް ކުޑަކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގައި ތިބި މަސައްކަތްތެރިންގެ ތެރެއިން ފާއިތުވި އަަހަރެއްހާ ދުވަހުގެ ތެރޭގައި މެޑިކަލް ޗެކަޕް ހައްދައިފައި ނުވާ މީހުން ހަ މަސް ދުވަހުގެ ތެރޭގައި މެޑިކަލް ހެދުމަށް ވެސް ސަރުކާރުން ވަނީ އަންގައިފައެވެ.