ހުޅުމާލެ ފޭސް ތިނަކަށް އާންމުން ހުއްދަނެތި ވަދެ އުޅުން މިއަދު މަނާކޮށްފިއެވެ.

އާބަންކޯއިން މިއަދު ބުނީ މި ދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ގިނަވެ ހުޅުމާލޭގައި ވެސް އާދަޔާ ޚިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއްކަމުން، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސިއްހީ ދާއިރާގެ ހިދުމަތްތެރިން ތަކުރާރުކޮށް އިލްތިމާސް ކުރަމުން އަންނަ ކަމަށެވެ.

އެ ކުންފުނިން ބުނީ ހުޅުމާލޭގެ ތިންވަނަ ފިޔަވައްސަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށްގެންދާ އަދި ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަށް ވުމުން އެ ސަރަހައްދުގައި މަސައްކަތްކުރާ މީހުން އެކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އާބަންކޯއިން އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރުން އެ ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށްނުވި ނަމަވެސް މަދުން ނަމަވެސް އާންމުން އެ ސަރަހައްދަށް ވަންނަކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެއީ އެތަނަށް ނުވަނުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައި ވަނިކޮށް ކަމަށް އާބަންކޯއިން ފާހަގަކުރިއެވެ.

އެހެންވެ، ހުއްދައެއްނެތި، ޒަރޫރީ އެއްވެސް ބޭނުމަކާ ނުލައި އެ ސަރަހައްދަށް ނުވަނުމަށް އަންގައި އިއުލާން ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް މި މަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީން ވަނީ ފެނިފައެވެ. އެ ބަލި މިހާތަނަށް ފެނިފައިވަނީ ބިދޭސީންގެ ފަރާތުން އެކަންޏެވެ. އެއީ ކުޅުދުއްފުށިން 25 ބިދޭސީއަކާއި މާލޭ ސަރަހައްދުން ހަތް ބިދޭސީން ހިމެނޭ ގޮތަށެވެ.

އެހެންވެ، ފައިލޭރިއާއަށް ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ސިއްހީ އިދާރާތަކުން އަންނަނީ ކުޅުދުއްފުއްޓާއި މާލެ ސަރަހައްދުގައި ކުރަމުންނެވެ. އަދި މަދިރި ނައްތާލުމުގެ މަސައްކަތްތައް ވެސް މިހާރު ކުރިއަށްގެންދެއެވެ. އެގޮތުން އާބަންކޯއިން ވަނީ ހުޅުމާލޭގައި ފައިލޭރިއާ ފެތުރުން ކޮންޓްރޯލްކުރުމަށް ގެ ނަމުގައި ކެމްޕޭނެއް ފަށައި، ފޮގް ކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.