ނިދީގައި ގުގުރި ދެމުމަކީ ބައެއް މީހުންގެ ވަރަށް އާންމު ކަމެކެވެ. ގުގުރި ދެމުމާއި، ނިދުމުގެ ތެރޭގައި ނޭވާލާން އުނދަގޫވުމުގެ އެހެނިހެން ބައެއް މައްސަލަތަކަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ލިބުމުން މަހުރޫމްކުރުވާ ކަމެއް ކަމަށާއި މިއީ ކެންސަރު ޖެހުމަށް މަގު ފަހިކުރުވާ ކަމެއް ކަމަށް ސައިންސްވެރީން ބުނެފިއެވެ.

ލޭގައި އޮކްސިޖަން އެކުލެވޭ މިންވަރު ދަށް ވުމަކީ ކެންސަރު ޖެހުމުގެ ފުރުސަަތު ބޮޑުވާ ކަމެއް ކަން ދިރާސާތަކުން ހާމަވެފައިވާ ކަމަށް ކުރީން ވެސް ސައިންސްވެރީން ހާމަކޮށްފައިވެއެވެ.

ސައިންސްވެރީން ބުނާ ގޮތުގައި ގުގުރިދެމުމުގެ މައްސަލަ ހުންނަ މީހުން އެކަމަށް ފަރުވާ ހޯދުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ގުގުރި ދެމުމުގެ މައްސަލަ ހުންނަ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު، އެހެން މީހުންނަށް ވުރެ 4 ގުނަ އިތުރު ކަމަށް، ވޭތުވެ ދިޔަ 20 އަހަރު ތެރޭގައި ސައިންސްވެރީން ކުރި ދިރާސާތަކުން ހާމަވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ކެންސަރަކީ ބަލީގެ ކުރީކޮޅުގައި ދެނެގަނެވިއްޖެ ނަމަ ފަރުވާކޮށްގެން ފަސޭހަވުމުގެ ފުރުސަތު އޮންނަ ބައްޔެކެވެ. އެހެން ނަމަވެސް ބަލި ހުރިކަން ދެނެ ނުގަނެވި ދުވަސްތަކެއް ފާއިތުވެއްޖެ ނަމަ، ކެންސަރު ބައްޔަށް ފަރުވާ ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.