އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސް ކަމުގެ މަގާމާ މެދު ސުވާލުތަކެއް އުފެދިފައިވާ ކަމަށް ވިދާޅުވެ، އެ ދެ މަގާމަށް ކެމްޕެއިން ކުރުން މަޑުޖައްސާލަން ފެންނަ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ގޮވާލައްވަފި އެވެ.

މޫސަ އެމްޑީޕީގެ ވެބް ސައިޓަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސްގެ މަސްއޫލިއްޔަތާ މެދު ގައުމީ މަޖިލީހުގައި ސުވާލުއުފައްދާފައިވާ ދަނޑިވަޅެއްގައި އަދި މާފަހުން އޮންނަ އިންތިހާބަކަށް ކެމްޕޭން ކުރުމަކީ މި ވަގުތަށް އަދި ފެންނަ ކަމެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ރައީސް އާއި ނައިބު ރައީސްގެ އިންތިހާބުގެ ކުރިން އެ ދެ މަގާމާ މެދު އެމްޑީޕީން އެހެން ގޮތަކަށް ވިސްނަފާނެތީ ކަމަށެވެ.

"ބައެއް ބޭފުޅުން އެ ދެ މަގާމު އުވާލުމަށް އާދަޔާ ޚިލާފް ކޮންގްރެސް އަކަށް ގޮވާލާފައިވާ އިރު، އަނެއްބަޔަކު ވަނީ އެ ދެ މަގާމުގެ މަސްއޫލިއްޔަތާއި އެހެން މަގާމްތަކުގައި ހުރި ފުށުއެރުންތަކާއި އަސާސީ ގަވައިދުގައި ހުރި ފުށުއެރުންތައް ވީހާވެސް އަވަހަކަށް އިސްލާޙުކުރުމަށް ގޮވާލާފައި. އެހެންކަމުން އިންތިޚާބާ ބެހޭ ކޮމިޓީން އަދި އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އެ ދެ މަގާމަށް އިއުލާން ކުރި ނަމަވެސް އަޅުގަނޑަށް ފެންނަނީ އެ އިންތިޚާބު ވެސް އަދި އޮތީ މާފަހުގެ ތާރީޚެއްގައި ކަމަށް ވާތީ އޭގެ ކުރިން އެ ދެމަގާ މެދު އެހެން ގޮތަކަށް ނިންމަފާނޭ ކަމަށް ބެލެވޭތީ ހަމަ ކެމްޕެއިންކުރުން އިހަށް މަޑުޖައްސާލަން،" ރާއްޖެ އިން ބޭރުގައި މިވަގުތު ހުންނެވި މޫސަ ވިދާޅުވެފައިވެ އެވެ.

މޫސަ އެހެން ވިދާޅުވި އިރު އެދެ މަގާމަށް ވާދަކުރައްވާނެކަން އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ވަނީ އިއުލާން ކުރައްވައިފަ އެވެ. ރައީސް ކަމަށް ކުރިމަތިލައްވާނެ ކަން އިއުލާންކުރައްވާފައި ވަނީ މައްޗަން ގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އެވެ. އަދި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާނެކަން އިއުލާންކޮށްފައި ވަނީ، ކުރިން ވެސް އެ މަގާމަށް ވާދަކުރައްވައި ކާމިޔާބު ނުކުރެވުނު، އަދި ނަޝީދުގެ ކެބިނެޓް މިނިސްޓަރުކަން ކުރެއްވި މުހަންމަދު އަސްލަމެވެ.

އެބޭފުޅުންގެ ކެމްޕޭން މިހާރު ވެސް ވަނީ ފައްޓަވައިފަ އެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީން މިހާރު ނިންމާފައި ވަނީ އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސްގެ އިންތިހާބު މި އަހަރުގެ އޮގަސްޓް 31ގައި ބޭޭއްވުމަށެވެ. އަދި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

މޫސަ އަދި ވިދާޅުވެފައި ވަނީ އިންތިހާބާ ބެހޭ ކޮމެޓީން އިންތިހާބު އިއުލާން ކުރީ އެ ކޮމެޓީގެ ވާޖިބު އަދާކުރުމަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ.