ބޮލީވުޑްގެ ކުރީގެ ބަތަލާ ޓުވިންކަލް ކަންނާ އެންމެ ފަހުން ނެރުނު ފޮތް 'ވެލް ކަމް ޓު ޕެރެޑައިސް' ފޮތް މާކެޓަށް ނެރުނުތާ މާ ގިނަ ދުވަހެއް ނުވެ ކިޔުންތެރިންގެ ތަރުހީބު ލިބި ފިހާރަތަކުގެ ހަރުގަނޑުގެ އެންމެ ކުރިން ޖާގަ ހޯދައިފިއެވެ.

މި ފޮތް ނެރުނުތާ އެންމެ ހަފްތާއެއްގެ ތެރޭ ގިނަ ޢަދަދަކަށް ފޮތް ވިކިފައިވުމުން އެއީ ލިބުނު ވަރަށް ބޮޑު ހިތްވަރަކާއި ހިތްހަމަޖެހުމެއް ކަމަށް ޓުވިންކަލް ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާއިން މާ ބޮޑު ކާމިޔާބީއެއް ނުލިބުމުން ޓުވިންކަލް ލިޔުންތެރިއެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ ނޫސް ކޮލަމިސްޓަކަށެވެ. އޭގެ ފަހުން ޓުވިންކަލް އެންމެ ފުރަތަމަ ލިޔުނު ފޮތަކީ "މިސިޒް ފަނީ ބޯންސް"އެވެ. މި ފޮތް ނެރުނު އަހަރު އެއް ލައްކަ ކޮޕީއަށް ވުރެ ގިނަ ޢަދަދެއްގެ ފޮތް ވިކި ޓުވިންކަލް ވަނީ އެ އަހަރުގެ އެންމެ ގިނަ ފޮތް ވިއްކައިލެވުނު ލިޔުންތެރިޔާގެ މަގާމު ހާސިލުކޮށްފައެވެ. ޓުވިންކަލް އެންމެ ފަހުން ލިޔެ ބާޒާރަށް ނެރުނު ފޮތް 'ވެލްކަމް ޓު ޕެރެޑައިސް'އަށް ލިބެމުން އަންނަ ތަރުހީބާ އެކު ކުރީގެ ފިލްމީ ތަރި ޑިމްޕަލް އަދި ރާޖޭޝް ކަންނާގެ ދޮށީ ދަރިފުޅު ވަނީ ކިޔުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.

ލިޔުންތެރިއެއްގެ ހައިސިއްޔަތުން ބަހުގެ ދުނިޔެއިން ޖާގަ ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ޓުވިންކަލް ވަނީ ބުނެފައެވެ. 'ވެލްކަމް ޓު ޕެރެޑައިސް" ފޮތަކީ އަންހެނުންނަށް ހާއްސަކޮށްގެން ޓުވިންކަލް ލިޔުނު ފޮތެކެވެ.

ޓުވިންކަލް ފިރިމީހާ/އެކްޓަރު އަކްޝޭ ކުމާރާއެކު-- ފޮޓޯ/އިންޓަނެޓް

ޓުވިންކަލްގެ މާމަގެ ހަނދާނުގައި ލިޔުނު މި ފޮތުގެ އެހީގައި ލޯތްބާއި ކައިވެނީގެ ގުޅުންތަކުގައި ކުރިމަތިވާ މައްސަލަތަކާ ކުރިމަތިލާނެ ގޮތްތައް އެނގި އެކަނިވެރިކަން އިހުސާސްވާ ފަހަރު އެކަމުން އަރައިގަންނަން ފަސޭހަވާނެކަމަށް އުއްމީދުކުރާ ކަމަށް ލިޔުންތެރިޔާ ވަނީ ބުނެފައެވެ.

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރާ ކައިވެނިކޮށް ދެ ކުދިން ވެސް ތިބި ކުރީގެ ބަތަލާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭ "ޖާން"، "ބަރުސާތު"، "ޖަބް ޕިޔާރު ކިސީސޭ ހޯތާހޭ" އަދި "މޭލާ" ހިމެނެއެވެ.