26 Dec 2023, 06:49
ފިލްމު "ގައްލީ ބޯއި"އިން 2019ވަނަ އަހަރު ފިލްމު އިންޑަސްޓްރީއަށް ނުކުތް އެކްޓަރު ސިދާތު ޗަތުރަވެދީ ބޭނުން ވަނީ ފިލްމީ ދާއިރާގައި އަމިއްލަވަންތަ މަގާމެއް ބިނާކުރަން ކަމަށް އެކްޓަރު ބުނެފިއެވެ.
ސިދާތު ފިލްމީ ދާއިރާއަށް ނުކުތްތާ މާ ގިނަ ދުވަހެއް އަދި ނުވާކަމަށާއި ހީރޯއެއްގެ ރޯލު ކުޅޭއިރު އެންމެ ބޮޑަށް ތަޖުރިބާ ލިބިގަންނަނީ ކުރީގެ އެކްޓަރު ދިލިޕް ކުމާރު އަދި ޝާހްރުކް ޚާން ފަދަ އެކްޓަރުންގެ ކިބައިން ކަމަށް ސިދާތު ވަނީ ބުނެފައެވެ.
ޝާހްރުކް ޚާން އަދި ދިލިޕް ކުމާރު ފަދަ ތަރިންނަށް ވުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަމިއްލަ މަސައްކަތުން ހިންދީ ސިނަމާގައި ބެންޗްމާކެއް ގާއިމުކުރުމަކީ ސިދާތުގެ އެންމެ ބޮޑު އެއް ހުވަފެން ކަމަށް ޒުވާން އެކްޓަރު ވަނީ ބުނެފައެވެ.
ފިލްމު "ބަންޓީ އޯރް ބަބްލީ2"، "ގެހެރައިޔާން" އަދި "ފޯންބޫތް"އިން ފެނިފައިވާ އެކްޓަރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިއަދު ރިލީޒް ކުރެވޭ ފިލްމު ފިލްމު "ކޯ ގަޔޭ ހަމް ކަހާން"އިންނެވެ. ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށާ މި ފިލްމަކީ، ޒުވާނުންނާ ގުޅޭ ވަރަށް ތަފާތު ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ.

ސިދާތު އަދި ނަވްޔާ-- ފޮޓޯ/އިންޓަނެޓް
ބޮލީވުޑްގެ އެންމެ އުއްމީދީ ތަރިންގެ ތެރޭ ހިމެނޭ ސިދާތަކީ އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު ނާވްޔާ ނަންދާގެ ލޯބިވެރިޔާ ކަމަށް ވުމުން ސިދާތު ވެފައިވަނީ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާ ތަރިއަކަށެވެ.
އެކްޓަރެއްގެ ހައިސިއްޔަތުން މަޝްހޫރުކަން ލިބޭ ވަރަކަށް އާއްމު ދިރިއުޅުމަށް އެހެން މީހުންގެ ފަރާތުން ލިބޭ ސަމާލުކަން އިތުރުވާނެ ކަމަށާއި އެކުގައި އުޅޭ ހާއްސަ ފަރާތްތައް މީޑިއާގެ ކިބައިން ހިމާޔަތް ކުރުމަކީ ވަރަށް ބޮޑު ސަމާލުކަމެއްދޭ ކަމެއް ކަމުގައި ސިދާތު ވަނީ ބުނެފައެވެ. ފިލްމު "ކޯ ގަޔޭ ހަމް ކަހާން"އަށް ފަހު ސިދާތު ދެން މަސައްކަތް ފަށަން ތައްޔާރުވެފައި ވަނީ "ޔުދްރާ" ނަމަކަށް ކިޔާ ފިލްމަކަށެވެ.