ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންބީރާއި އާލިއާ ބަޓްގެ ދަރިފުޅު ރަހާ ފުރަތަމަ ފަހަރަށް މީޑިއާ ރިޕޯޓަރުންނަށް ދައްކާލައިފިއެވެ.

އުފަންވީއްސުރެ އާލިއާގެ ދެމަފިރިން ނިންމާފައިވަނީ ދަރިފުޅުގެ ޢުމުރުން ވަކި ވަރެއް ވަންދެން މީޑިއާތަކަށާއި އާއްމުންނަށް ނުފެންނަ ގޮތަށް ދަރިފުޅު ގެންގުޅުމަށެވެ. އެގޮތުން ވިހެއުމަށް ފަހު އާލިއާގެ ދެމަފިރިން މީޑިއާ ރިޕޯޓަރުންނާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވެސް ދަރިފުޅުގެ ފޮޓޯ ނުނެގުމަށާއި ފޮޓޯ އާއްމު ނުކުރުމަށް ވަނީ އެދިފައެވެ.

އާލިއާއާއި ރަންބީރުގެ މި އެދުމުގެ މަތިން ދަރިފުޅު ރަހާ އާއްމުންނަށް ދެއްކުމާ ހަމައަށް ރަހާގެ އެއްވެސް ފޮޓޯއެއް މީޑިއާއިން އާއްމުކޮށްފައެއް ނުވެއެވެ.

އާލިއާގެ ދަރިފުޅު ރަހާ މީޑިއާ ރިޕޯޓަރުންނަށް ދައްކާލުމާ އެކު ދަރިފުޅުގެ ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ދެމަފިރިން ވަނީ ރިޕޯޓަރުންނަށް ދީފައެވެ. މިދިޔަ މަހު އެއް އަހަރު ފުރުނު ރަހާގެ ފޮޓޯތައް އިންޓަނެޓުގައި ދައުރުވާން ފެށުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ ތުއްތު ރަހާއަށް ތަޢުރީފު ކޮށްފައެވެ. ރަހާ ވައްތަރީ މިހާރު ދުނިޔެ ދޫކޮށްފައިވާ ރަހާގެ ކާފަ ރިޝީ ކަޕޫރާ ކަމަށް ވެސް ވަރަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އާލިއާ އާއި ރަންބީރު ދަރިފުޅު ރަހާ މީޑިއާ ރިޕޯޓަރުންނަށް ދައްކާލަނީ-- ފޮޓޯ/ފޭސްބުކް

ފުރަތަމަ ފަހަރަށް އާލިއާއާއި ރަންބީރުގެ ދަރިފުޅު މީޑިއާ ރިޕޯޓަރުންނަށް ދައްކާފައިވާއިރު މީގެ މަހެއްހާ ކުރިން ބޭއްވި އިވެންޓެއްގައި ވެސް އާލިއާ ބުނީ ދަރިފުޅު އާއްމުންގެ ތެރެއަށް ނެރެ ފޮޓޯ ނެގުމުގެ ފުރުސަތު ރިޕޯޓަރުންނަށް ދޭން ދެމަފިރިން ތައްޔާރު ނޫން ކަމަށެވެ. ނަމަވެސް އާއިލާއިން ރަހާ ގެންގުޅެނީ އާއްމުންނަށް ފޮރުވައިގެން ނޫންކަމަށް ބަތަލާ ވަނީ އެ އިންޓަވިއުގައި ބުނެފައެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭ ހިމެނޭ އާލިއާއާއި ރަންބީރުގެ ކައިވެނި ކުރެވުނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.