25 Dec 2023, 23:57
މިދިޔަ މަހު ކުޑަކުދިންނަށް ކުރި އަނިޔާގެ 131 މައްސަލަ ހުށަހަޅައިފައިވާ ކަމަށާއި އޭގެން އެންމެ ގިނައީ، ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ މައްސަލަތައްކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އިއްޔެ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 29 މައްސަލަކާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 28 މައްސަލައެއް ހުށަހަޅައިފައިވެއެވެ.
މީގެ އިތުރުން، ޖިސްމާނީ އަނިޔާގެ 20 މައްސަލައަކާއި ނަފްސާނީ އަނިޔާގެ 15 މައްސަލައަކާއި އިހުމާލުގެ 22 މައްސަލަ ހުށަހަޅައިފައިވެއެވެ.
އަދި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލައަކާއި ބްލެކްމެއިލް ކުރުމުގެ ތިން މައްސަލައެއް ހުށަހަޅައިފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
ޖެންޑާ މިނިސްޓްރީގެ ހިސާބުތައް ދައްކައި ގޮތުން، އާއިލީ މައްސަލަތަކާއި ގުޅުން ހުރި 30 މައްސަލައެއް މިދިޔަ މަހު ހުށަހެޅިއިރު ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 12 މައްސަލައެއް ވެސް އޭގެ ތެރޭ ހިމެނެއެވެ.
އަދި ދަރިއަކު ބަލަހައްޓާނީ ކާކުތޯ ވަރިވެފައިވާ މައިންބަފައިންގެ މެދުގައި ޖެހޭ މައްސަލައިގެ ހަތަރު މައްސަލައަކާއި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ ހަތަރު މައްސަލައިގެ އިތުރުން، އަމިއްލަ ދަރިފުޅާ ބައްދަލުކުރަން ފުރުސަތު ނުދިނުމުގެ 10 މައްސަލަ ހުށަހަޅައިފައިވާކަމަށް ހިސާބުތައް ދައްކައެވެ.
ހަމައެއާއެކު ކުޑަކުދިންގެ އަޚުލާގާ ގުޅުން ހުރި 22 މައްސަލައެއް ހުށަހަޅާފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ. އެގޮތުން، ރުޅިގަދަވުން ނުވަތަ ރުޅި އިސްކުރުމުގެ ތިން މައްސަލައާއި، ސްކޫލަށް ދާން ބޭނުން ނުވުމުގެ ހަ މައްސަލައާއި، އެހެނިހެން 13 މައްސަލައެއް ހުށަހަޅައިފައިވެއެވެ.
މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 164 ކުދިންނެވެ.
މިދިޔަ މަހު ދައުލަތަށް އަލަށް ދެ އަންހެން ކުއްޖަކު ނަގައިފައިވާއިރު، ދެ ކުއްޖަކު އާއިލާއަށް އަލުން ހަވާލުކޮށްފައިވާކަމަށް އެ ތަފާސްހިސާބުން ދައްކައެވެ.