ޝަރަފް އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) ލީޑުން ފެނުމަށް ހަމަޖެހިފައިވާ ލޯބީގެ ޑްރާމާ ފިލްމު "މީ އިޝްގު" ރިލީޒްކުރުން ކައިރިވެ ފިލްމުގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.

އަޒްހާން އިބްރާހީމް ޑައިރެކްޓު ކުރާ މި ލޯބީގެ ފިލްމު އިއުލާނުކޮށް ފިލްމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެއަށް ފަހު ފިލްމުގެ ގިނަ މަސައްކަތްތަކެއް ކުރަމުން ގޮސް ފިލްމުގެ ޝޫޓިން ވަނީ މިދިޔަ މަހުގެ މެދުތެރޭގައި ނިންމާފައެވެ.

އަންނަ މަހުގެ ހަވަނަ ދުވަހުގައި ދައްކަން ފެށުމަށް ހަމަޖެހިފައިވާ ފިލްމުގެ މިހާރު ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ދަނީ ނިމުމާ ގާތްވަމުންނެވެ.

އޮލިމްޕަސް ކައުންޓަރުން ޓިކެޓު ވިއްކަމުންދާއިރު ޓިކެޓު ބުކް ކުރުމަށްޓަކައި ގުޅާނީ 9633326 އަށެވެ.

މި ފިލްމަކީ އާޝާއާއި ޝަރަފު އެކީގައި މަސައްކަތް ކުރާ ތިންވަނަ ޕްރޮޖެކްޓެވެ. އަދި ޖޯޑެއްގެ ގޮތުގައި ދެ މީހުން ފެނިގެންދާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރީން އުފައްދާފައިވާ ވެބް ސީރީޒެއް ކަމަށްވާ "ހިނދުކޮޅެއް"ގައި ވެސް ދެ މީހުން ވަނީ ޖޯޑެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ.

މިއީ އަޒްހާން ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމެވެ.

މި ފިލްމުގެ ވާހަކައާ ގުޅޭގޮތުން މާ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް ލީޑުން ފެންނަ ދެ މީހުންގެ މެދުގައި ވަރުގަދަ ލޯތްބެއް އޮންނާނެ ކަމަށާއި މި ފިލްމަކީ އަސަރުގަދަ ފިލްމަކަށް ވާނެ ކަމަށް ވަނީ އިޝާރާތްތަކެއް ކޮށްފައެވެ.

އަޒްހާން ބުނާގޮތުގައި މި ފިލްމަކީ އާއިލާއެކު ގޮސް އެންމެންނަށް ވެސް ބަލައިލެވޭނެ ފިލްމެކެވެ. އަދި ދިވެހި އޯޑިއެންސްއާ ގުޅޭ ތީމުތައް މި ފިލްމުން ފެންނާނެ ކަމަށް ވެސް އޭނާ ބުނެއެވެ.