26 Dec 2023, 06:56
ހޮލީވުޑްގެ އެންމެ މަގުބޫލު ތަރީންގެ ތެރޭގައި ހިމެނޭ ވިން ޑީސަލާ ދެކޮޅަށް ޖިންސީ ގޯޯނާގެ ތުހުމަތުތަކެއް ކޮށް މައްސަލަ ކޯޓަށް ގެންގޮސްފިއެވެ.
ލޮސް އެންޖެލެސްގެ ސުޕީރިއާ ކޯޓަކަށް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ޑީސަލާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައެވެ. މި މައްސަލަ ހުށަހަޅާފައިވަނީ 2010 ވަނަ އަހަރުގައި އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ އެސްޓާ ޖޮނަސަނެވެ.
އެގޮތުން ހޮޓަލެއްގެ ތެރޭގައި ޑީސަލް އޭނާއަށް ޖިންސީ ގޯނާ ކުރި ގޮތް ތަފްސީލާ އެކު އޭނާ ހުށަހެޅި މައްސަލައިގައި ކިޔައިދީފައިވެއެވެ.
އެސްޓާ ހުށަހެޅި މައްސަލައިގައި އިތުރަށް ފާހަގަކޮށްފައިވަނީ ޑީސަލްގެ ކުންފުނި ކަމަށްވާ ރޭސް ޕްރޮޑަކްޝަން އަކީ މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވާ މާހައުލު އޮތް ތަން ނޫން ކަމުގައި ފާހަގަކޮށްފައެވެ. އެގޮތުން އެ ތަނުގައި މަސައްކަތް ކުރި މުއްދަތުގައި އެސްޓާ އުޅެން ޖެހުނީ އަބަދުވެސް ކޮންމެ ވެސް ކަހަލަ ބިރުވެރި ކަމެއްގައި ކަމަށް އޭނާ ފާހަގަކުރިއެވެ.
ޑީސަލް އާއެކު އެސްޓާ މާ ގިނަ ދުވަހެއް މަސައްކަތް ކޮށްފައެއް ނުވެއެވެ.
މި މައްސަލަތަކުގައި ޑީޒެލްގެ މައްޗަށް އެސްޓާ ދައުވާކޮށްފައިވަނީ އޭނަ އަށް ކުރިމަތިލި ދަތިތަކާ ގުޅިގެން ކޮންމެ މައްސަލައަކަށް މަދުވެގެން 10،000 ޑޮލަރުން ޖޫރިމަނާކޮށް ދިނުމުގެ އިތުރަށް އަމިއްލަ ނަފުސަށް ލިބުނު ގެއްލުމަށް ވެސް ބަދަލު ނަގައިދޭން އެދިއެވެ.
މި މައްސަލައާ ގުޅިގެން ޑީސަލްގެ ވަކީލުން ވަނީ އެއް މައްސަލަ މުޅީން ދޮގު ކޮށްފައެވެ. އަދި އެ ދައުވާތަކަކީ އެއްވެސް ބުރަދަނެއް ހުރި ދައުވާ ތަކެއް ނޫން ކަމަށް ވަކީލުން ބުނެއެވެ.
ވިން ޑީސަލް އަކީ މުޅި ދުނިޔޭގައި ވެސް ގިނަ ބަޔަކަށް އެނގޭ އެކްޓަރެކެވެ. އެންމެ ގިނަ ބަޔަކަށް އޭނާ އެނގެނީ މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް"ގެ ރޯލުންނެވެ.