25 May 2012, 19:59
ކޮމަންވެލްތާއެކު ދިވެހިންގެ ނަމުގައި އެމްޑީޕީން ކޮންމެ ހުކުރު ދުވަހަކު ބާއްވާ ސިލްސިލާ ހިނގާލުން މާލޭގެ ބޮޑަތި މަގުތަކުގައި މިއަދުވެސް ބާއްވައިފި އެވެ.
ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލައި ކުރިއަށްގެންދިޔަ ހިނގާލުމުގައި އިސްކޮށްހުންނެވީ ކުރީގެ އެމްއެންއެސްއެލްގެ ޗެއާމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) އާއި ކުރީގެ ޑިފެންސް މިނިސްޓާ އަމީން ފައިސަލާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖުލީހުގެ މެމަބަރުނަނެވެ.
އުސްފަސްގަޑުން މިއަދު ހަވީރު 5:00 ޖަހާކަންހާއިރު ފެށި ހިގާލުމުގައި އެމްޑީޕީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ މީހުންބައިވެރިވި އެވެ. އަވަސް އިންތިހާބަކަށް ގޮވާލަމުން ފެށި ހިނގާލުމުގައި ފުރަތަމަ ނުކުތީ މަޖީދީ މަގަށެވެ. އެއަށް ފަހު އެނބުރި ބޮޑުތަކުރުފާނު މަގަށް ނުކުމެ ޝުއޫރުފާޅުކޮށް ދަތުރުވެރިންގެ މާރުކޭޓުން ހުޅަގަށްގޮސް އަމީނީމަގުން ހިނގާލުން އުސްފަސްގަނޑަށް ނިންމާލީ އިރުއޮއްސުނު ވަގުތު އެވެ.
މިއަދު އެމްޑީޕީން ބޭއްވި ހިގާލުމުގައި ރައީސް ވަހީދަށް މަލާތްމާތްކުރުމުގެ ގޮތުން ކާޅު އަޑުލައްވައި ހަދާފައި ވެއެވެ. އަދި ކާޅު ރަމްޖުކޮށްދޭ ފިޔަގަޑެއް އަޅާފައި ހުރިމީހަކާއި ކޯޓްލައިގެން ހުރިމީހެއް އަދި ފަންޑިތަ ހަދާމީހެއްކަމަށް ހެދިގެންހުރި މީހެއްގެ އިތުރުން ތަވީދު އަޅުވާފައި ހުރި ހާލެއްވެސް މުޒާހަރާގައި ބައިވެރި ކުރުވާފައިވެ އެވެ. އަދި އެމީހުންވަނީ ދުންއަރުވާ ކިޔެވެލި ކިޔަވާ ކަމަށްވެސް ހަދާފަ އެވެ.
އެއްވެސް ހަމަނުޖެހުމެއް މިއަދުގެ ހިނގާލުމުގައި ހިގާފައެއްނުވެ އެވެ. ނަމަވެސް ހިނގާލުމުގެ ބައިވެރިން ވަނީ މަގުމަތީގެ ސެކިޔުރީޓި ބެލެހެއްޓި ބައެއް ސިފައިންނާއި ފުލުހުންނާ ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔާފަ އެވެ. އަދި ފުލުހުންގެ ބައެއް މަރުކަޒުތަކުގެ ކުރިމަތީގައި ތިބެ ހިނގާލުމުގެ ބައިވެރިން ވަނީ "ބާޣީ"އޭ ގޮވައި އަޑުއުފުލާފަ އެވެ.
ފެބުރުއަރީ ހަތް ވަނަ ދުވަހު ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ފަހުން އެމްޑީޕީން އަންނަނީ ކޮންމެ ހުކުރު ދުވަހަކު ސިލްސިލާ ހިގާލުންތަކެއް ބާއްވަމުންނެވެ.