25 Dec 2023, 20:25
ވެރިރަށް، މާލޭގައި މީގެ ކުރިން ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަން ހުންނަ ނީލަން ފިހާރަ އަލުން ހުޅުވައިލުމަށް ތަން ދޫކޫރާނެ އުސޫލުތާއި ގަވާއިދުތަށް ތައްޔާރުކޮށް އަންނަ މަހު އިއުލާނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރު، އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ، މިނިސްޓްރީގެ މަސައްކަތްތައް މާލޭ ސިޓިގައި ކުރެވެމުންދާ ގޮތާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ، އެކަށީގެންވާ ތަނެއްގައި ނީލަން ފިހާރަ ހިންގޭނެ ތަނެއް ކަނޑައަޅައި ނީލަން ފިހާރަރަށް އަލުން ހުޅުވައިލުމުގެ ހުރިހާ މަސައްކަތެއް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދިޔުމަށް ރައީސް އަންގަވައިފައިވާ ކަމަށެވެ.
''މިކަމަށް ވާން ޖެހޭ ތައްޔާރީތަށް އަޅުގަނޑުމެން މާލޭ ސިޓީ ކައުންސިލާ ގުޅިގެން އިރާދަކުރެއިވިއްޔާ ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދާނަން'' އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެ މިނިސްޓްރީގެ އަމާޒަކީ މި އަންނަ މަސް ފެށެންވާއިރަށް މިކަމަށް ވާންޖެހޭ ތައްޔާރީތަށްވެ، އެ ފިހާރަ އަލުން ހިންގާނެ ތަންތަން ކަނޑައަޅުމުގެ އުސޫލެއް އެކުލަވައިލުން ކަމަށެވެ.
ރާއްޖޭގައި ހާއްސަކޮށް ފުރަ މާލޭގައި މީގެ ކުރިން ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރީގެ ގޮތުގައި މަސައްކަތް ކުރި ނީލަން ފިހާރަ ހުއްޓުނީ، އެތަނުގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުންނެވެ.
އެގޮތުން މި ފިހާރައިގައި ރޯވީ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު 6:00 ހާއިރެވެ.
އޭގެ ދޮޅުގަޑިއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު، އެ ތަނުގައި ހުރި ދަގަނޑާއި ފަސޭހައިން އަނދައިގެން ނުދާ ކަހަލަ މައުދަންތަކުން ހަދައިފައިވާ ސާމާނުތައް ފިޔަވައި ދެން ހުރި ހުރިހާ ސާމާނެއް ހުރީ އަނދައި އަޅިއަށް ވެފައެވެ.
މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު، މިހާރުގެ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ނީލަން ފިހާރަފަދަ ތަނެއް ހުރުމަކީ މުހިއްމު ކަމެއްކަމަށާއި ނަމަވެސް މިހާރު އެތަން ހުރި ތަނުގައި، އެފަދަ ތަނެއް ބަހެއްޓުމަކީ ރަނގަޅު ގޮތެއް ކަމުގައި ނުދެކޭ ކަމަށެވެ.
ކުރީ ސަރުކާރުން ވަނީ ގުޅީފަޅު ނުވަތަ ތިލަފުއްޓަން އެތަން ބަދަލުކުރާ ކަހަލަ ވިސްނުމެއް ގެންގުޅޭ ކަމަށް ބުނެފައެވެ. ބޮޑު ބިމެއްގައި ނީލަން ފިހާރަ ހިންގީ ސަރުކާރަށް އެއްވެސް ފައިދާއެއްވާ ގޮތަކަށް ނޫންކަމަށް ވެސް މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.