25 Dec 2023, 17:46
ރާއްޖޭގެ ދިފާއީ ބާރު އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި، މިހާރު ވެސް އިންޑިއާއާއެކު ގާއިމްކޮށްފައިވާ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކޮށް، ވަރުގަދަ ކުރުމުގެ މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ދިޔައީ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި، އިންޑިއާއިން ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު މުނޫ މަހާވަރާ ދެމެދު އޮތް މަޝްވަރާ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ޑިފެންސް އެޑްވައިޒަރު ކެޕްޓަން ދީޕަކް ބާލީ ވެސް ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގެ ބައެއް މައުލޫމާތު ހާމަކުރައްވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މިހާރު ވެސް އަސްކަރީ ދާއިރާއިން ގުޅުން ގާއިމްކުރެވިފައިވާ ދާއިރާތަކާ ގުޅޭ ގޮތުން ކަމަށެވެ.
އަދި މިހާރު ގުޅުން ބަދަހިވެފައިވާ ދައިރާތަކުން އިތުރަށް މަސައްްކަތްކުރުމާ ގުޅޭގޮތުން ކަމަށެވެ.
މި ފަދަ ބައްދަލުވުމެއް ކުރިއަށްދިޔައިރު، އެންމެ ބޮޑަށް ނިމިދިޔަ ސަރުކާރު ހޫނުފެނަށް ވެއްޓުނު އެއް ކަމަކީ އިންޑިއާއާއެކު ރާއްޖެއިން ބޭއްވި އަސްކަރީ ގުޅުމެެވެ.
އެ ގުޅުމުގައި ނިމިދިޔަ ސަރުކާރުން ގޮތް ނޭނގޭ ކަންތައްތަކަކަށް އެއްބަސްވެފައިވާ ކަމުގެ ތުހުމަތު ވެސް މިހާރު ސަރުކާރުގައި ތިބި އިސްވެރިން ކޮށްފައިވެއެވެ.