25 May 2012, 19:03
ގައުމުގެ އުފެއްދުންތެރިކަމުގެ މިންގަނޑު، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ހަރަދު ހުރީ 47 ޕަސެންޓްގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އެޑްވައިޒާ ޓުދަ ފިނޭންސް މިނިސްޓަރު، އިސްމާއިލް އަލި މަނިކު ވިދާޅުވީ ޓެކްސްގެ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެނީ ހަ ބިލިއަނެއްހާ ރުފިޔާ ކަމަށާއި އެއީ ޖީޑީޕީގެ 20 ޕަސެންޓް ކަމަށެވެ. އަލި މަނިކު ވިދާޅުވީ ދަލަތުގެ ހަރަދު އާމްދަނީ އަށް ވުރެ މާ މަތީގައި ހުރި އިރު އިމްޕޯޓް ޑިއުޓީ ކަނޑާލުމާ އެކު ދެ ބިލިއަނެއްހާ ރުފިޔާ ދައުލަތުގެ އާމްދަނީން މަދުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުން ހިންގާ އެކި ޕްރޮޖެކްޓްތައް ސަސްޓެއިން ކުރެވެން އަންނަނީ ޓެކްސް ބޭސް މިހާރަށް ވުރެ ފުޅާކޮށްގެން ކަމަށެވެ.
"އިމްޕޯޓް ޑިއުޓީ އަކީ ޓެކްސްގެ ބަޔެއް، ކަސްޓަމްސް އިން މިހާރު ލަފާކުރަނީ ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާ ކެނޑިގެން ދިޔަކަމަށް. ދެން އޭގެ އިތުރަށް ޓެކްސްގައި މި ހިމެނެނީ ޖީއެސްޓީ، އަދި އޭގެ އިތުރުން ބިޒްނަސް ބްރޮފިޓް ޓެކްސްއާ އެބައިތައް. ޓެކްސްގެ ބައިތަކުން މި ލިބެނީ ހަ ބިލިއަން. ޖީޑީޕީގެ ނިސްބަތުން ގާތްގަނޑަކަށް 20 ސަކަށް ޕަސެންޓް. އެހެންނަމަވެސް ހަރަދު މިއުޅެނީ ޖީޑީޕީގެ ނިސްބަތުން 47 ޕަސެންޓް ވަރުގައި. އެހެންވީމާ ޓެކްސްގެ ބޭސްވެސް އެބަ ޖެހޭ ފުޅާ ކުރަން ޕްރޮގްރާމްތައް ސަސްޓެއިން ގޮތުގައި ކުރިއަށް ގެންދަން،" އަލިމަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގެ ދަރަނި ހުރީ 10 ބިލިއަނެއްހާ ރުފިޔާގައި ކަމަށާއި ލޯނު އަނބުރާ ދެއްކުމަށް 3.6 ބިލިއަން ރުފިޔާ ބަޖެޓުން ހަރަދުކުރަން ޖެހޭ ކަމަށެވެ. ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން 700 މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތްނަމަވެސް އެ ފައިސާ ލިބޭވަރު ވެސް މަދުވާނެ ކަމަށް އަލި މަނިކު ވިދާޅުވި އެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑްގެ ގޮތުގައި 400 މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް ވެސް ލަފާކޮށްފައިވާ ކަމަށް ވެސް އަލި މަނިކު ވިދާޅުވި އެވެ.
"އެވަރު އަޅުގަނޑުމެންނަށް ނުލިބޭނެ ކަމަށް އަންދާޒާ މިކުރެވެނީ. އެއީ ދެން ކޮންމެވެސް ވަރެއްގެ އޯވާ އެސްޓިމޭޓްތަކެއް ވެސް އޭގެ ތެރޭގައި އުޅޭތީއާއި ހިމެނިފައިވާތީއާ ވެސް އެއްކޮށް. ދެން އަދި ބަޖެޓު ފާސްކުރި އިރު ވެސް ވަކި ކަހަލަ ކަންތައްތަކެއް މަޖިލީހުގެ ކޮމެޓީން ވެސް ހުރީ ނިންމަވާފައި،" އަލި މަނިކު ވިދާޅުވި އެވެ.
ބަޖެޓްގެ ވަރަށް ބޮޑަށް ޑެފިސިޓްވެ ދައުލަތުގެ ހަރަދުތައް މައްޗަށް ދިޔުމުން ސަރުކާރުން މިހާރު ނިންމާފައި ވަނީ ހަރަދު ކުޑަކުރުމުގެ ބޮޑަތި ފިޔަވަޅުތަކެއް އެޅުމަށެވެ. އެގޮތުން ސަރުކާރުގެ ހުރިހާ އޮފީސްތަކެއްގެ ހަރަދުން 10 ޕަސެންޓް ކުޑަކުރަން ވަނީ ނިންމަވައިފަ އެވެ. އަލި މަނިކު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި މުސާރަތައް ކުޑަކުރުން ފަދަ ކަންތައްތައް ނުހިމެނޭ ކަމަށާއި ސަރުކާރުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ބިލްތަކަށް ވެސް ބަރާބަރަށް ފައިސާ ދައްކާނޭ ކަމަށެވެ.
"ސަރުކާރުން ކޮމިޓް ކުރަން ޖެހޭ އެއްޗެއް ނުކަޑާނެ. އެއްޗިއްސަށް ބަރާބަރަށް ކޮމިޓް ކުރަމުން ދާނީ. އެގޮތުން މުސާރަތަކާއި އެކި ފަރާތްތަކަށް ދައްކަން ޖެހޭ ބިލްތަކަށް ފައިސާ ދެއްކުމުގެ ކަންތައްތައް ކުރިއަށް ދާނޭ،" އަލި މަނިކު ވިދާޅުވި އެވެ.
ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ދައުލަތުގެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދައުލަތުގެ ޑެފިސިޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
އަލި މަނިކު ވިދާޅުވީ މި އަހަރުގެ ބަޖެޓް މަޖިލީހަށް ފޮނުވައި ފާސްކުރި އިރު ދައުލަތުން ދައްކަން ހުރި ބިލްތަކާއި އަދިވެސް ބައެއް ހަރަދުތަކަށް ދާ ދެ ބިލިއަނެއްހާ ރުފިޔާ ނުހިމަނައި ކަމަށާއި އެ ދެ ބިލިއަން ރުފިޔާ ލުމުން ބަޖެޓް ޑެފިސިޓް ޖީޑީޕީގެ 30 ޕަސެންޓަށް އުފުލޭނޭ ކަމަށެވެ. ބަޖެޓްގައި ލަފާކޮށްފައި ވަނީ ބަޖެޓް ޑެފިސިޓް ހުންނާނީ 9.7 ޕަސެންޓްގައި ކަމަށެވެ. އަދި ވިދާޅުވީ ފައިނޭންސް ކުރާނެ ގޮތެއް ނުހިމަނައި ބަޖެޓްގައި އެއް ބިލިއަނެއްހާ ރުފިޔާ ހިމަނާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހުރިހާ ކަމަކާ އެކު ވެސް މިބަލަނީ ބަޖެޓް ޝޯޓްވާ ބަޔަށް ފައިނޭންސްކޮށްގެން ފޫބެއްދޭނެ ކަމަށް. އަލަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅައިފި ނަމަ ވާނެ ގޮތަކީ އަނެއްކާ ދައުލަތުގެ ހަރަދުތައް ބޮޑުވެ، ނުހިފެހެއްޓިފައި އޮންނާނީ. އެހެންވެ އަޅުގަނޑުމެން ބަލަނީ ބަޖެޓްގައި ހުރި މައްސަލަތައް ހޯދައިގެން އެ ކަންތައްތަކަށް ފައިނޭންސް ކުރުން،"