25 Dec 2023, 13:22
ޖުމުލަ 12 ޑްރޯން ޕައިލެޓުން ވާދަކުރި އުރީދޫ ޑްރޯން ރޭސިން މުބާރާތުގެ ވަނަތައް އިއުލާންކޮށްފިއެވެ.
އުރީދޫއިން ބުނީ މި މުބާރާތުގައި ދެ ކެޓަގަރީއަކުން ޕައިލެޓުން ވާދަކޮށްފައިވާ ކަމަށެވެ. އެގޮތުން ސްކައި ވޯކާ ކެޓަގަރީން އެއްވަނަ އިބްރާހިމް ޝާބިލް ހޯދީގޮންޖެހުން ބޮޑު ހަތަރު ހުރަހެއްގެ ތެރެއިން ޑްރޯން ދުއްވައިގެންނެވެ. ޝާބިލަށް އިނާމުގެ ގޮތުގައި ލިބިފައިވަނީ ޑީޖޭއައި މިނީ 2 އެސްއީއެކެވެ.
އެގޮތުން ސްކައި ވޯކާ ކެޓަގަރީން ދެވަނަ ހާސިލްކޮށްފައިވާ އަޝްހަމް ޝަރީފަށް އިނާމުގެ ގޮތުގައި ލިބުނީ އުރީދޫ 5ޖީ އެއާފައިބާ ޑިވައިސްއަކާއި ތިން މަސް ދުވަހުގެ (750ޖީބީ) ޕެކޭޖެކެވެ. އެ ކެޓަގަރީން ތިންވަނަ ހާސިލުކޮށްފައިވަނީ އިބްރާހިމް ފަޒީލެވެ. އޭނާއަށް ވަނީ 1000 ރުފިޔާގެ މޫލީ ވައުޗަރެއް ހަދިޔާކޮށްފައެވެ.
ޑްރޯން ރޭހުގައި ވަނަތައް ހާސިލުކުރި ބައިވެރިންނަށް އިނާމު ހަވާލުކުރަނީ --- ފޮޓޯ/ އުރީދޫ
މީގެ އިތުރުން، ސްކައި އެލީޓް ކެޓަގަރީން އެއްވަނަ ހޯދާފައިވަނީ މުހައްމަދު އަލީން ޝަފީއުއެވެ. އޭނާއަށް ވަނީ ޑީޖޭއައި މިނީ 3 ޕްރޯއެއް ހަދިޔާކޮށްފައެވެ.
އަދި، ހަމްޒާ ވަސީމް ދެވަނަ ހޯދައިގެން ތިން މަސް ދުވަހުގެ (1536 ޖީބީ) ޕެކޭޖަކާ އެކު އުރީދޫ 5ޖީ އެއާފައިބަ ޑިވައިސްއެއް ހޯދާފައިވާއިރު، ތިންވަނަ ހޯދީ ހުސައިން އަލޫފް ރިޔާޒަށް ލިބިފައިވަނީ 2000 ރުފިޔާގެ އަގުހުރި މޫލީ ވައުޗާއެކެވެ.
މި މުބާރާތުގައި ގުޅޭ ގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ޑްރޯން ރޭސް ކާމިޔާބުކަމާ އެކު ނިންމައިލެވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ޑްރޯން ރޭހުގައި ޕައިލެޓުންގެ ހުނަރު ދައްކާލަނީ --- ފޮޓޯ/ އުރީދޫ
"މި އަހަރުގެ ޑްރޯން ރޭސްގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން މި ތިބީ މިއަށް ވުރެ ވެސް ފެންޓާސްޓިކް އިވެންޓަކާ އެކު ޑްރޯން ރޭސިންގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުމަށް،" ނިޔާޒް ވިދާޅުވިއެވެ.
މުބަރާތުގައި ވަނަތައް ހާސިލުކުރި ބައިވެރިންނަށް ނިޔާޒް ވަނީ މަރުހަބާ ދަންނަވައިފައެވެ.
މި މުބާރާތާ ގުޅިގެން ސްޓޭބިސިސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިހާދު ވިދާޅުވީ މުސްތަގުބަލުގައި ރާއްޖޭގައި އެފްޕީވީ ރޭސިން ކުރިއަރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މުބާރާތުގައި ވަނަތަކަށް ދިޔަ ބައިވެރިން ނިންމި ގަޑިތައް --- ފޮޓޯ/ އުރީދޫ
މި ޑްރޯން ރޭހުގެ ފައިނަލް ބާއްވާފައިވަނީ މި ހަފުތާގެ ހޮނިހިރު ދުވަހުގެ ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައައެވެ.
މިއީ ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ޑްރޯން ރޭސިން މުބާރާތެވެ. އެހެންކަމުން މުބާރާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް އުރީދޫން ބުންޏެވެ.