ފައިލޭރިއާ ނުވަތަ ފައިފަލަ ބައްޔަށް ފަރުވާ ކުރުމަށް ބޭނުންވާ ބޭހުގެ ސްޓޮކް މިހާރު ހަމަވެފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރާއްޖެއިން މީގެ އެތައް އަހަރެއް ކުރިން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް މި ފަހުން މި ވަނީ ފެނިފައެވެ.

އެ ބައްޔަށް ފަރުވާ ކުރުމަށް ބޭނުންވާ ދެ ބޭހެއް ރާއްޖެއިން ލިބެން ނެތް ކަމަށް މީގެ ދެ ދުވަސް ކުރިން ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ސަން' އިން ކުރި ސުވާލަކަށް ޖަވާބުދެއްވާ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ފައިލޭރިއާއަށް ބޭނުންވާ ބޭސް މިހާރު ރާއްޖެއިން ލިބެން އެބަހުރި ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީން އަރުވާފައިވާ ކަމަށެވެ.

"އިރާދަކުރެއްވީތީ އަދި ހުރިހާ ކަމެއް ވެސް ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެ. އެކަމުގައި ޑަބްލިއުއެޗްއޯއާއި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ބޭހުގެ ކަންކަން ރަނގަޅަށް ތަރުތީބުވެފައިވާކަމުގެ ކަށަވަރުކަން އިއްޔެ ހެލްތު މިނިސްޓްރީން ދެއްވި،" ނާޒިމް ވިދާޅުވިއެވެ.

"އެހެންވީމަ ބޭސް ހުންނާނެ ކަމުގެ ކަށަވަރުކަން އަޅުގަނޑުމެންގެ އެބައޮތް،"

ނާޒިމް ވިދާޅުވީ ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ މަޝްވަރާއާ ލަފާގެ މަތިން ބޭހުގެ ކަންކަން ބެލެހެއްޓެމުންދާ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ބޭސް ހޯދުމުގަ އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަގީން ނާޒިމް ވަނީ އަރުވާފައެވެ.

ހަމައެއާއެކު ރާއްޖެއަށް ގިނަ ދުވަހަށް އަންނަ ބިދޭސީންނާއި ރާއްޖޭގައި މި ވަގުތު ތިބި ބިދޭސީންގެ ތެރެއިން މެޑިކަލް ސްކްރީނިން ނުހަދާ ބިދޭސީން، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މެޑިކަލް ޗެކަޕް ހަދަން ޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އަދި ރާއްޖެ އައުމަށްފަހު މެޑިކަލް ޗެކަޕް ހަދަން ދީފައިވާ 30 ދުވަހުގެ މުއްދަތު ވަނީ 15 ދުވަހަށް ކުރުކުރަން ވެސް ނިންމާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި ފައިލޭރިއާ ބަލީގެ 16 ކޭހެއް ހދ. ކުޅުދުއްފުށީން ފެނުނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ ފަހުން، އެ ސިޓީން 25 ބިދޭސީއަކު އަދި މާލޭ ސަރަހައްދުން ހަތް ބިދޭސީއަކު ވަނީ އެ ބައްޔަށް ފައްސިވެފައެވެ.

އެހެންވެ، މިހާރު ކުޅުދުއްދުއްޓާއި މާލޭ ސަރަހައްދުން ޖުމުލަ 32 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. މިހާތަނަށް މި ބައްޔަށް ފައްސިވެފައިވަނީ ހުސް ބިދޭސީންނެވެ.