25 Dec 2023, 12:59
އިންޑިއާއިން ހަދިޔާކުރި ޑޯނިއާ މަތިންދާ ބޯޓުތައް އޮޕަރޭޝަންތަކުގައި ބޭނުން ނުކުރުމުގެ އެއްވެސް ސިޔާސަތެއް ނެތް ކަމަށާއި ބޭނުމެއް ޖެހިއްޖެ ހާލަތެއްގައި އޭގެ ބޭނުން ވެސް ކުރާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
އައްޑޫ ސިޓީން މޫދަށް އެރި އުޅެނިކޮށް ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތުގައި ޑޯނިއާ މަތިންދާބޯޓުތައް ބޭނުންނުކުރާތީ އިއްޔެ އިދިކޮޅު އެމްޑީޕީން ވަނީ ސަރުކާރަށް ފާޑު ކިޔައިފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ވަކި ސިޔާސަތެއްގެ ގޮތުގައި ޑޯނިއާ މަތިންދާ ބޯޓުތައް ކަނޑައެޅިގެން ބޭނުންނުކުރުމަށް އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާ ކަމަށެވެ.
އެހެންކަމުން ޑޯނިއާ މަތިންދާ ބޯޓެއްގެ ބޭނުން ޖެހިއްޖެ ނަމަ އެ ބޭނުންކުރުމުގެ ނިޒާމުގެ ތެރެއިން ވީހާވެސް އަވަހަށް ކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"މި ދުވަސްކޮޅު ސިޔާސަތެއްގެ ގޮތުން އެކަން ނުކުރަން ނިންމާފައެއް ނެތް، އެހެންނަމަވެސް ދިވެއްސަކު ބަލިވެގެން އުފުލަން ޖެހިއްޖިއްޔާ އެ ވަގުތަކު އޮތް އެންމެ މުހިންމު އަދި އެންމެ އަވަހަށް އެކަން ކުރެވެން އޮތް ނިޒާމެއްގެ ތެރެއިން އެކަން ކުރާނެ،" ނާޒިމް ވިދާޅުވިއެވެ.
ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ގަމު, ދެކުނު ފަރާތަށް އިހި ނަގަން ގޮސް އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ނަސްރު ހޯދުމުގެ މަސައްކަތުގައި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ނުކުރުމުގެ ސަބަބުންނެވެ.
އެގޮތުން ދައުލަތުގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ވަސީލަތްތަކެއް އެ ޒުވާނާ ހޯދުމަށް ބޭނުން ނުކުރުމަކީ ފަރުވާކުޑަ އަދި ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ސަރުކާރާ އިދިކޮޅު އެމްޑީޕީން ރޭ ވަނީ ބުނެފައެވެ.
އެ އޮޕަރޭޝަނުގައި ވައިގެ މަގުން ބޭނުން ކުރަމުން ދަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެކެވެ. ގިނަ ބަޔަކު ވަނީ އެއީ އެ އޮޕަރޭޝަނަށް ބޭނުންވާފަދަ ވަސީލަތްތައް ހުރި މަތިންދާ ބޯޓެއްތޯ ސުވާލު އުފައްދައިފައެވެ.
އަދި، ރާއްޖޭގައި އިންޑިއާ ސިފައިން އޮޕަރޭޓްކުރާ ޑޯނިއާ މަތިންދާ ބޯޓަކީ އެކަމަށް އެންމެ އެކަށީގެންވާ އުޅަނދު ކަމުގައި ގިނަ ބަޔަކު ދެކެމުންދާއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އިންޑިއާ ސިފައިން ރާއްޖެއިން ބާލަން އިންޑިއާ ސަރުކާރުގައި ވެސް ދަންނަވައިފައެވެ. އަދި އިންޑިއާ ސަރުކާރުން ވެސް ވަނީ އެ ކަމަށް އެއްބަސްވެފައެވެ.
މިދިޔަ ބުރަސްފަތި ދުވަހު ނައީޝް ގެއްލުނީ، އިތުރު ދެ އެކުވެރިންނާ އެކު އިހި ހިފަން ގޮސް އުޅުމުގެ ތެރޭގައެވެ.
އެ ހާދިސާ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ އެ ރޭ 22:45 ހާއިރު ކަމަށް ފުުލުހުން ބުންޏެވެ. އެއާއެކު ނައީޝް ހޯދުމުގެ އޮޕަރޭޝަން ވަނީ ފަށާފައެވެ. މިހާތަނަށް ބެލިބެލުމުން އަދިވެސް ނާއިޝްގެ ޚަބަރެއް ނެތެވެ.