25 Dec 2023, 12:37
ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ކޭޕާކު ފުލެޓުތަކުގެ މައްސަލައިގެ ތަހުގީގަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އެދުމަށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަސަން މަމްދޫހް (މަންޑޭ)ގެ އެޕާޓްމެންޓެއްގައި ހުރި ހަތް މިލިއަން ރުފިޔާގެ މުދާ އަނބުރާ ހޯދަން އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ބޭރުކޮށްލަން ރަޖިސްޓްރާ ނިންމި ނިންމުން ބާތިލުކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެ މައްސަލަ ބަލައިގެންފިއެވެ.
ފުލެޓުތައް މަކަރާއި ހީލަތުން ވިއްކައިގެން ހޯދި ކަމަށް ބެލެވޭ މުދާތައް ފުލުހުން އެއް އަހަރުގެ މުއްދަތަށް ހިފެހެއްޓީ މިދިޔަ މަހުގެ 19 ގައެވެ.
މަންޑޭގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެކަމަކު، ހައިކޯޓުގެ ރަޖިސްޓްރާ ފުރަތަމަ ނިންމީ އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާށެވެ. މަންޑޭގެ ފަރާތުން އެ މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިސްތިއުނާފުކުރުމުން، އެ ކޯޓުން ނިންމާފައިވަނީ ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށް އެ މައްސަލަ ބަލައިގަންނާށެވެ.
ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހަސަން ޝަފީއު ވަނީ ރަޖިސްޓްރާގެ ނިންމެވުމަށް ތާއީދުކޮށްފައެވެ. އެކަމަކު، ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ވަނީ ރަޖިސްޓްރާގެ ނިންމެވުން ބަދަލުކުރަން ތާއީދުކުރައްވައިފައެވެ.
އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިގަންނަން ނިންމައިފައެވެ.

ކޭޕާކްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) --
ކޭޕާކުގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކާ ފައިސާ ނެގި މައްސަލަ ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފައެވެ. އަދި, ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ހުރި މަންޑޭގެ ޕެންޓު ހައުސްގައި ހުރި ތަކެތީގެ ވަރަށް ތަފުސީލީ މައުލޫމާތު ޕީޖީ ހުސައިން ޝަމީމް ވަނީ ނޫސްވެރިންނަށް އަރުވައިފައެވެ.
ތަހުގީގުގެ ތެރެއިން އެ ޕެންތުހައުސްގެ އަގު އޭރު ބެލި އިރު އަގު ހުރީ 7.8 މިލިއަން ރުފިޔާގައި ކަމަށާއި އެ ތަނުގައި ހުރި މުދާ ބަލައި ފާސްކުރިއިރު ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.
"ގާތްގަނޑަކަށް 90،000 ރުފިޔާގެ ދަބަސް، 40،000 ރުފިޔާ 50،000 ރުފިޔާގެ އަތް ދަބަސް، ދެން އަނެއްކަހަލަ ގަހަނާ ތަފާތު ވައްތަރުގެ ގަހަނާ 10،000 ޑޮލަރު 25،000 ޑޮލަރު ގަހަނާ އެބަހުރި ޖުމްލަ މިހުރިހާ އެއްޗެއްގެ އަގު ހަތް މިލިއަން ރުފިޔާއަށް އެބައަރާ،" އޭނާ އެ ދުވަހު ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވި އެ މައްސަލައިގައި މަކަރާއި ހީލަތުން އޮޅުވައިލި ކޮންމެ މީހެއްގެ މައްސަލައިގައި ވަކިވަކިން ދައުވާ ކުރާނެ ކަމަށާއި އެހެންވެ، މަންޑޭގެ މައްޗަށް ކުރާ ދައުވާގެ އަދަދު 200އަށް ވުރެ އިތުރުވާނެ ކަމަށެވެ.
އެ މައްސަލައިގައި މަންޑޭ ހައްޔަރު ވެސް ކުރިއެވެ. އެކަމަކު، މިހާރު އޭނާ ދޫކޮށްލާފައި އެ ހުރީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުއެވެ. މަންޑޭގެ އިތުރުން ވެސް އިތުރު ދިވެއްސަކާއި ބިދޭސީއެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.
ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހް ފައިސާ ހޯދާފައިވެއެވެ.
އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަމްދޫހު ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.
އެ ތުހުމަތުތައް ދޮގުކޮށް، މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މަންޑޭ ވަނީ މިހާރު އުފެދިފައިވާ މައްސަލައާ ގުޅިގެން ކޭޕާކް އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފައެވެ.