ނެޝަނަލް އެންކުއަރީ ކޮމިޝަނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ފޮނުއްވި ކާނަލް ޒުބައިރު އަހުމަދު މަނިކުގެ ނަން ގަބޫލު ނުކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދު އެންމެ ފަހުން އެންކުއަރީ ކޮމިޝަނަށް ފޮނުއްވާފައިވާ ބޭފުޅަކީ އެ މަނިކުފާނުގެ ބޮޑުބޭބެ، އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ޒުބައިރު އަޙްމަދު މަނިކު ކަމަށާއި ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ތަޢުލީމީ ގޮތުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމުގެ ޝަރުޠު އޭނާގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށާއި އެ ސަބަބާ ހުރެ އެ ނަން ސަރުކާރަށް ޤަބޫލު ކުރެއްވެން ނެތް ކަމަށެވެ.

ޝަރުޠު ފުރިހަމަނުވާ ބޭފުޅުންގެ ނަން، ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވަމުން ގެންދެވުމަކީ، އެމަނިކުފާނު ނެޝަނަލް އެންކުއަރީ ކޮމިޝަނަށް އެއްބާރުލެއްވުން ދެއްވަން ބޭނުން ނުވާ ކަމުގެ ހެއްކެއް ކަމަށް ވެސް ސަރުކާރުން ދެކޭ ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.

ސަރުކާރުން ވަނީ، ކޮމަންވެލްތްގެ ލަފާގެ މަތިން، ނެޝަނަލް އެންކުއަރީ ކޮމިޝަންގެ ގަވާއިދު އިސްލާހުކޮށް ބޭރުގެ ފަނޑިޔާރެއް ކޮމިޝަނުގެ ކޯ-ޗެއާ އަކަށް ހިމެނުއްވުމަށް އެއްބަސްވެފަ އެވެ.