އަންނަ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރަން ސަރުކާރުން ނިންމައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލި މީހުން އުފުލުމުގައި މިހާރު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރަން ނިންމައިފައެވެ.

އެ ޚިދުމަތް ތައާރަފުކުރަން ގައުމީ އެއާލައިނާ ގުޅިގެން ދެ މަތިންދާ ބޯޓެއް ހާއްސަކުރަން ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ. އެ ޚިދުމަތް ފޯރުކޮށްދޭނީ ސިއްހީ ކަންކަމާ ބެހޭ ވުޒާރާގައި މިހާރު ވެސް އެމްބިއުލާންސްގެ ޚިދުމަތަށް ހާއްސަކޮށްފައިވާ ޑިޕާޓްމަންޓުން ކަމަށެވެ.

ދެ އެއާ އެމްބިއުލާންސާ އެކު ސަރުކާރުން އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށި ނަމަވެސް ޚިދުމަތް ފުޅާވަމުންދާ މިންވަރަކުން ބޯޓުތައް އިތުރުކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި، ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ މުހިއްމު މަސައްކަތެކެވެ.